ފުލުހުން މަސްތުވާތަކެތި ބޭނުންކޮށްގެން ތިބޭ ކަމަށް ކުރާ ތުހުމަތުތަކަކާ ގުޅިގެން ބައެއް ފުލުހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވޭތޯ ބަލަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޓީމެއް މިރޭ ފުލުސް އޮފީހަށް ޒިޔާރަތްކޮށްފި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ އެ ކޮމިޝަންގެ ޓީމެއް މިރޭ ފުލުހުންގެ އިދާރާއަށް ދިޔައީ ފުލުހުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް މިއަދު ހުށަހެޅި ޝަކުވާއެއްގައި ބައެއް ފުލުހުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރާތީ ކަމަށެވެ. އެ ޒިޔާރަތުގެ ބޭނުމަކީ ތުހުމަތު ކުރެވޭ އެފަދަ ފުލުހުންގެ ޑްރަގް ޓެސްޓެއް ހެދުމަށް ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުލުހަށް ދިޔައީ އަޅުގަނޑުމެންގެ އަތުގައި އެފަދަ ވަސީލަތްތައް [މަސްތުވާތަކެއްޗަށް ޕޮޒިޓިވްވޭތޯ ބަލާނެ ޓެސްޓްތައް ހެދެން] ނެތުމުން،" ޝަހިންދާ ވިދާޅުވި އެވެ.

ފުލުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ދެ އޮފިޝަލަކު މިރޭ ފުލުސް އޮފީހަށް ވަޑައިގެންނެވި ކަމަށާއި އެ އޮފިޝަލުން ފުލުހުންގެ އިސްވެރިންނާއެކު ބާއްވާ ބައްދަލުވުމެއް މިރޭ ކުރިޔަށް އޮންނާނެ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

މުޒާހަރާތަކުގައި ފުލުހުން ތިބެނީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުގެ ހާލަތުގައި ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބައެއް ފަރާތައް ތުހުމަތުތައް ކޮށް އެކި ފަހަރުމަތިން ވާހަކަތައް ދައްކާފައިވެ އެވެެ. އެ ތުހުމަތުތަކާ ގުޅިގެން ފުލުސް ކޮމިޝަނާ އަބްދުﷲ ރިޔާޒް ކުރިން ވިދާޅުވެފައި ވަނީ ފުލުހުން މަސްތުވާތަކެތި ބޭނުން ނުކުރާނެ ކަމަށާއި އެފަދަ ތުހުމަތުތަކެއް ކުރެވޭނަމަ މައްސަލަ ބަލައި ފިޔަޅު އެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.