Last Updated: 1 decade 3 year ago
މިއީ މެދުކެނޑުމެއް ނެތި އެ ހަރަކާތްކުރިއަށް ގެންދާތާ ހަތަރު ވަނަ ދުވަހެވެ. "ސީދާ ހަރަކާތުގައި" އެމްޑީޕީން މުޒާހަރާ ކުރަމުން އަންނަނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކުގަ އެވެ.
ސަރުކާރުގެ ވެރިންގެ އިސްތިއުފާ އަށާއި އަވަސް އިންތިހާބަކަށް ގޮވާލައި ސީދާ ހަރަކާތަށް އެމްޑީޕީން ނިކުތް ފަހުން ރައީސް މުހަންމަދު ނަޝީދު ވެސް ދޭތެރެ ދޭތެރެއިން އަންނަނީ މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ހަރަކާތް ފެށި ރޭ އެމްޑީޕީން ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެފައި ވަނީ ސަރުކާރު ވައްޓާލާފައި ނޫނީ އެމްޑީޕީގެ ސީދާ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ.
އެ ހަރަކާތުގެ ދެ ވަނަ ދުވަހު ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ހަމަނުޖެހުން ހިނގައި ދެ ފަރާތަށް ވެސް އެކި ވަރުގެ އަނިޔާވި އެވެ. އަދި ފުލުހުންގެ ފަރާތުން މީޑިޔާތަކަށް ވެސް އެދުވަހު ބައެއް ހުރަސްތަކާ ކުރިމަތިވި އެވެ.
ޗާންދަނީމަގާއި އަމީނީ މަގު ގުޅޭ ކަންމަތީ އެމްޑީޕީން ރެއިން ފެށިގެން މިއަދު އިރުއަރަންދެން މުޒާހަރާގައި ތިބީ އިރު ވެސް ފުލުހުން މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެއްނުވެ އެވެ. ނަމަވެސް 12:00ގެ ފަހުން ލައުޑް ސްޕީކަރުން ވާހަކަ ނުދެއްކުމަށް ފުލުހުން ދިޔައީ އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ދަންވުމަށް ފަހު ވެސް ދޭތެރެ ދޭތެރެއިން ގެންދިޔައީ އަޑުގަދަ ކުރާ ބޭނުންކޮށްގެން ހަޅޭއްލަވަމުންނެވެ. ނަމަވެސް ނަސޭހަތް ދިނުން ނޫން އިތުރުކަމެއް ފުލުހުން ނުކުރެ އެވެ.
މިރޭ ވެސް އެމްޑީޕީ މެންބަރުން މުޒާހަރާ ކުރަމުންދަނީ ޗާންދަނީ މަގު ރީފްސައިޑް ކުރިމަތީގަ އެވެ. މިރޭގެ މުޒާހަރާ ހޫނުވެ މުޒާހަރާގެ ތެރެއިން އެއްލި ބެޓެރީ ބުރިއަކުން ޖެހި ސަން އޮންލައިންގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމް ވަނީ ޒަހަމްވެފަ އެވެ. އަދި ފުލުހުންގެ ކެމެރާމަނެއް ވެސް ވަނީ ޒަހަމްވެފަ އެވެ. ރޭ ވެސް މުޒާހަރާ ހޫނުވި ގަނޑީގައި ފުލުހަކަށް އަނިޔާވެ ފަރުވާ ހޯދުމަށް އޭނާ ވަނީ ބޭރަށް ފޮނުވާލައިފަ އެވެ.
ސީދާ ހަރަކާތުގައި މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓް ބައެއް މެންބަރުންނާއި އަދި ގައުމީ މަޖިލީހުގެ ބައެއް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ޕާލިމަންޓް މެންބަރަކު މިވަގުތު ފުލުހުންގެ ބެލުމުގެ ދަށަކު ނެތެވެ. އަދި ފުލުހުން ހައްޔަރުކޮށްފައި ވަނީ މީހުންގެ އަދަދު 19 އަށް އަރަ އެވެ. އެމްޑީޕީން މިރޭ ވެސް ދަނީ އެ ސަރަހައްދުގައި ތިބެ އަޑުއުފުލަމުންނެވެ.
އެމްޑީޕީގެ ސީދާ ހަރަކާތުގެ ޑިމާންޑެއް މިހާތަނަށް ސާފުވެފައި ނުވާ އިރު އެމްޑީޕީގެ ވެރިކަން ވެއްޓުނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހަންމަދު ރައީސް ނަޝީދުގެ ސަރުކާރުން ހައްޔަރުކުރުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން 23 ރޭވަންދެން މުޒާހަރާތަކަށް ފަހު އެވެ.