ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑްރީމް ވޯކްސް އެންޓަޓެއިންމަންޓްގެ އެނިމޭޓަޑް ފިލްމު "ޝްރެކް 5" ރިލީޒް ކުރުން ޑިލޭކޮށްފިއެވެ.

މިއަހަރުގެ ފަހުކޮޅަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޝްރެކްގެ ފަސްވަނަ ބަޔަކީ އެކި އުމުރުގެ މީހުން ބަލަން ކެތްމަދުވެފައިވާ ފިލްމެކެވެ. ފިލްމު ރިލީޒް ކުރުން ޑިލޭވި މިއީ ދެވަނަ ފަހަރެވެ. އެގޮތުން ފުރަތަމަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ.

ނަމަވެސް ޑްރީމްވޯކްސްއިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު ދެން ނެރޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ޝްރެކް ފްރެންޗައިޒް އަކީ ގިނަ ދުވަހެއް ވީ އިރުވެސް މީހުން މެދު ކެނޑުމެއް ނެތި ބަލަމުން އަންނަ ފްރެންޗައިޒް އެކެވެ. އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމުގައި ފިލްމުގެ އޮރިޖިނަލް ކާސްޓު ބައިވެރިވާނެއެވެ. އެގޮތުން ޝްރެކްގެ ރޯލުން މައިކް މަޔާސް ފެންނާނެ ކަމަށް ބުނެފައިވާއިރު، ޑޮންކީގެ ރޯލުން އެޑީ މާފީ ފެންނާނެއެވެ. އަދި ފިއޯނާގެ ރޯލުން ކެމެރަން ޑިއާޒް ވެސް ފެނިގެންދާނެ ކަމަށް ވަނީ ޕްރޮޑަކްޝަނުން އިއުލާނު ކޮށްފައެވެ.

ޝްރެކް، ފިއޯނާ އަދި ޑޮންކީގެ ރޯލުތައް އެ ފިލްމުން ފެންނާނެކަން ޔަގީންވެފައި ވީނަމަވެސް ޝްރެކްގައި "ޕުސް އިން ބޫޓްސް"ގެ ފެނިލުމެއް ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އެންމެ ފަހުން ޝްރެކްގެ ފިލްމެއް އާއްމުންނާ ހަމައަށް އައިސްފައިވަނީ 2010ވަނަ އަހަރު އެވެ. އެ ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. މި ފްރެންޗައިޒްގެ ދަށުން ނެރުނު އޮރިޖިނަލް ހަތަރު ފިލްމުގެ އާމްދަނީ އެއް ބިލިއަން ޑޮލަރުން މައްޗެވެ. އަދި ފްރެންޗައިޒްގެ ސްޕިން އޮފް ފިލްމެއް ވަނީ 2022ވަނަ އަހަރު ނެރެފައެވެ. މި ފިލްމަށް ވަނީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.