13 Jan 2025, 09:04
އޮންލައިން ގޭމްތަކަކީ އެތައް ބަޔަކު އޭގެ ވާހަކަ ދައްކައި ކުޅޭ އެއްޗެކެވެ. ރަށްޓެހިންނާއެކު ގޭމް ކުޅެލަން ލިބުމަކީ އޭގެ ވާހަކަ އާންމުންގެ ތެރޭގައި ގިނައިން ދެއްކޭ ކަމެކެވެ. މި ދުވަސްކޮޅު އެންމެ ގިނަ ބަޔަކު އެ ގޭމެއްގެ ވާހަކަ ދައްކާ އެއް ގޭމަކީ މާވެލް ރައިވަލްސްއެވެ.
މިދިޔަ ޑިސެމްބަރު މަހުގައި ރިލީޒް ކުރި ގޭމަކީ ޕީސީ އަދި ޕްލޭސްޓޭޝަންގެ އިތުރުން ބައެއް އިތުރު ޕްލެޓްފޯމްތަކުން ވެސް ލިބޭނެ ގޭމެކެވެ. މިއީ އާންމުންގެ މެދުގައި އޮންލައިކޮށް ކުޅެވޭ ކޯއޮޕް ގޭމެކެވެ. މާވެލްގެ ކެރެކްޓަރުންތައް ނަގައިގެން އެކީގައި އެހެން ޓީމުތައް ބަލިކުރުމަށް ކުޅޭ ގޭމް ވެފައި ވަނީ ބޮޑު ހިޓަކަށެވެ.
ޓުވިޓާއަށް އަޅުވާލި ނަމަވެސް ފެންނަނީ ގޭމްގެ ވާހަކަ ދައްކާ ތަނެވެ. ގޭމްގެ ކެރެކްޓަރުންގެ ސްކިންތަކާއި އެންމެ ކަމުދާ ކެރެކްޓަރުންގެ ވާހަކަ އޮންލައިންކޮށް ދައްކައެވެ.
ޕީސީއަށް ހާއްސަ ގޭމިން ޕްލެޓްފޯމް އަދި ސްޓޯ ކަމަށްވާ "ސްޓީމް"ގައި އެކަނިވެސް މި ގޭމް ކުޅޭ މީހުންގެ އަދަދު މިހާރު މަހެއްގެ މައްޗަށް ބައި މިލިއަނާ ގާތް ކުރެއެވެ.
ގޭމްގެ ފުރަތަމަ މަހުގެ ތެރޭގައި އާމްދަނީއެއްގެ ގޮތުން ވަނީ 139 މިލިއަން ޑޮލަރު ހޯދާފައެވެ. އެގޮތުން ޗައިނާ އިން އެކަނިވެސް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ޗައިނާ އަކީ މި ގޭމް އެންމެ ބޮޑު މަގުބޫލު ކަން ހޯދާފައިވާ އެއް ގައުމެވެ.
ދިވެހީންގެ ތެރޭގައި ވެސް މާވެލް ރައިވަލްސް އަންނަނީ ބޮޑު މަގުބޫލު ކަމެއް ހޯދަމުންނެވެ. އަދި ހާއްސަކޮށް ޒުވާނުންގެ މެދުގައި މި ގޭމަށް ބޮޑު ލޯތްބެއް ވަނީ ޖެހިފައެވެ.