މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ޖީއެމްއާރުން ދިވެހި ދަރިވަރުންތަކަކަށް ދީފި އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރު ކުންފުނިން 12 ދަރިވަރަކަށް ފުރުސަތު ދިނީ ތިން ދާއިރާއަކުން މަތީ ތައުލީމް ހާސިލު ކުރުމަށެވެ.

ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ލިބުނު ދަރިވަރުނަށް ސްކޮލާޝިޕް އެވޯޑްކޮށް ދެއްވީ ޖީއެމްއާރް އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން އާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ އެވެ.

ޖީއެމްއާރްގެ ސްކޮލާޝިޕްގެ ދަށުން ދިވެހި ދަރިވަރުން ކިޔަވާނެ ފުރުސަތު ދީފައިވަނީ އިންޑިއާގެ ހަ ޔުނިވާސިޓިއަކުނެވެ. މިފަހަރު ފުރުސަތު ދީފައިވާ ދާއިރާތަކަކީ އޭވިއޭޝަން އޮފަރޭޝަން ދާއިރާ އާއި ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއާ އިންޖިނިއަރިން ދާއިރާ އިންނެވެ.

ސްކޮލާޝިޕް އެވޯޑް ކުރުމުގެ ރަސްމިއްޔާތުގައި އެންޑްރޫ ހެރިސަން ވިދާޅުވީ ކޮންމެ މީހަކަށް ވެސް ތައުލީމަކީ އެންމެ މުހިންމު ވަސީލަތް ކަމަށާއި ސްކޮލާޝިޕްތަކުގައި ދަރިވަރުން ފޮނުވާއިރު އެ ކުންފުނިން އިސްކަންދެނީ އެ ދަރިވަރަކު ޝައުގުވެރިވާ ދާއިރާއަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދޭން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ ކިޔެވުމުގެ ފުރުސަތު ޖީއެމްއާރުން ދީފައިވަނީ ސްކޮލާޝިޕަށް އެދުނު ދަރިވަރުންގެ ތެރެއިން އެ ދާއިރާތަކުން އެންމެ އެކަމަށް އެކަށޭނެ ދަރިވަރުންނަށް ކަމަށެވެ. ޖީއެމްއާރްގެ އެހީތެރިކަމާއެކު ދިވެހި ދަރިވަރުނަށް މަތީ ތައުލީމް ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާތީ އޭނާ ޖީއެމްއާރަށް ޝުކުރު އަދާ ކުރެއްވި އެވެ.

"މިފަހަރު ކުދިން ހޮވުމުގެ ތެރޭގައި ބެލީ ވަކި ދާއިރާތަކަށް، މިސާލަކަށް އިންޖިނިއަރިންނަމަ ބަލަނީ ހިސާބާ ސައިންސްގެ މާއްދާތަކަށް،" އައިމިނަތު ވިދާޅުވި އެވެ.

ޖީއެމްއާރުން ދަނީ 2009 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދައި ދެމުންނެވެ. މިހާތަނަށް ދިވެހި 30 ދަރިވަރަކަށް ޖީއެމްއާރުން ސްކޮލާޝިޕް އެވޯޑްކޮށްފައި ވެއެވެ.