22:40


ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ވަޑައިނުގަންނަވާ ވަޒީރަކަށް ރުހުން ނުދިނުން ކަމަށް ޑީރާރުޕީން ބުނެފި އެވެ.


އެ ޕާޓީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި، ރައްޔިތުންގެ މަޖިލީހުގައި "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ"ގެ މެންބަރުން ކަމަށްވާ އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުނުވާނެ ކަމަށް ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އަންގަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މާދަމާ ދެ ވަޒީރަކު "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ" އަށް ހާޒިރުވާން އަންގާފައިވަނިކޮށް ގާނޫނު އަސާސީއާ ހިލާފަށް އަމަލު ކުރައްވައިފި ނަމަ ކޮމެޓީއަށް ވަޑައިނުގަންނަވާ އެއްވެސް ވަޒީރަކަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ރުހުން ނުލިބޭނެ ކަމަށެވެ.


މަހުލޫފު ވިދާޅުވީ ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ނުވާނެ ކަމަށް ރައީސް ނަޝީދުގެ އެންގެވުމާއި ހަމައެކަނި ވަޑައިގަންނަ ވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވަން ކަމަށް ވިދާޅުވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. މި ސަރުކާރަކީ އަބަދުވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މަހުލޫފް ވިދާޅުވީ ގާނޫނު އަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ސުވާލު ކުރެވިދާނެ ކަމަށް ސާފުކޮށް އޮންނަ އިރު ޖަވާބުދާރީ ވާންޖެހޭނީ ހަމައެކަނި މަޖިލީހުގެ ތަޅުމުގައި ނޫން ކަމަށެވެ.


"ވަޒީރުން ވަޑައިގަންނަވަން ޖެހެނީ ހަމައެކަނި ތަޅުމަކަށް ނޫން ކޮމެޓީއަށް ވެސް ގެނެވިދާނެ. ވަރަށް ސާފުކޮށް އެބައޮތް އެކަން، [ގާނޫނު އަސާސީގެ] 98 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައި،" މަހުލޫފް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތް ވެސް މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މަހުލޫފު ވިދާޅުވީ ކޮމެޓީ އަށް ވަޑައިނުގަންނަވާނެ ކަމަށް އަންގަވާއިރު ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ކުރަން ބޭނުންވާ ސުވާލުތައް އެބަހުރި ކަމަށާއި މަޖިލީހުން އެއްބާރުލުން ނުދީ ޖެއްސުން ކުރާތީއޭ ވިދާޅުވެ، އިސްތިއުފާ ދެއްވާފައި އަނެއްކާވެސް މަގާމުގައި ތިއްބެވުމުން މަޖިލީހުން ކުރީ ކޮންކަމެއްތޯ އާއި ބަދަލުވީ ކޮންހާލަތެއްތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.


"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މިހެން މިކަން ވަންޏާ ޑީއާރްޕީގެ ޖުމްލަ ވިސްނުމަކަށް ވާނީ ވަޑައިނުގަންނަވާ އެއްވެސް ބޭފުޅަކަށް ރުހުން ނުދިނުމޭ. ކުރިން އަޅުގަނޑުމެން ތެރޭގައި ވިސްނާފައެއް ނެތް ރުހުން ނުދޭނީ އެވެނި ބޭފުޅަކަށޭ ދޭނީ މިވެނި ބޭފުޅަކަށޭ. އެކަމަކު މިގޮތަށް އަމަލު ކުރާ ކަމަށްވާ ނަމަ އަޅުގަނޑަށް ޔަގީން ޑީރާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންގެ ވިސްނުންފުޅުގައި އޮންނާނީ [ކޮމެޓީ އަށް] ވަޑައިނުގަންނަވާ ބޭފުޅަކަށް ރުހުން ނުދޭން،" މަހުލޫފު ވިދާޅުވި އެވެ.


ވަޒީރުންގެ ކޮމެޓީތަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދު އަންގަވާފައިވާއިރު މާދާމާ  ބާރަ ޖަހާއިރު ޑރ. އާމިނަތު ޖަމީލު، އަދި 2 ޖަހާއިރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ  "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ" އަށް ހާރިވުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ "ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ" އަށް އަންނަ ބުރާސްފަތި ދުވަހު ހާޒިރުވުމުގެ އަމުރު، ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ވަނީ ނެރެފަ އެވެ.