12 Jan 2025, 22:42
ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް، ޑރ. އަލަރް ކާރިސްގެ ދައުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މަގުސަދަކަށް ވާނީ ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރުމާއި އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އެގޮތުން ޑިޖިޓަލް ދާއިރާއާއި ސައިބާ އަދި އީ-ގަވަނަންސާއި މޫސުމާއި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކާ ގުޅޭ ދާއިރާތަކުން މަޝްވަރާކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް އެސްޓޯނިއާއަށް ފުރާވަޑައިގެންފި --- ފޮޓޯ/ ރައީސް އޮފީސް
އެ ދާއިރާތަކުގެ އިތުރަށް މި ދަތުރުފުޅުގައި ސައިންސާއި ތައުލީމުގެ ދާއިރާއިން ވެސް ދެ ގައުމު އެކުގައި މަސައްކަތްކުރެވޭނެ ފުރުސަތުތަކާމެދު މަޝްވަރާކުރަނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސް ޑރ. ކާރިސްއާއި، އެސްޓޯނިއާގެ ޕާލިމަންޓް "ރީގިކޮގޫ"ގެ ރައީސް ލައުރީ ހުސާރް އާއި، އެކި ވަޒީރުންނާ ބައްދަލުކުރައްވާނެއެވެ. އެގޮތުން ބައްދަލުކުރައްވާ ބައެއް ވަޒީރުންގެ ތެރޭގައި ހިމެނެނީ:
މިނިސްޓާ އޮފް އެޑިއުކޭޝަން އެންޑް ރިސާޗް، ކްރިސްޓީނާ ކަލާސް
- މިނިސްޓާ އޮފް ކްލައިމެޓް، ޔޯކޯ އެލެންޑާ
- މިނިސްޓާ އޮފް ހެލްތު، ރީނާ ސިކުޓް
- މިނިސްޓާ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް، ލީސާ ލީ ޕަކޮސްތާ
- ފޮރިން އެފާޒްގެ ސެކްރެޓަރީ ޖެނެރަލް، ޖޮނަތަން ވްސެވިއޮވް

ރަސްމީ ދަތުރުފުޅެއްގައި ރައީސް އެސްޓޯނިއާއަށް ފުރާވަޑައިގެންފި --- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު ފުރަތަމަ ފަހަރަށް އެސްޓޯނިއާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޓަރްޓުއަށް ވެސް ރައީސް ޒިޔާރާތްކުރައްވާނެއެވެ. އަދި އެ ސިޓީގައި ހުންނަ ޔުނިވާސިޓީ އޮފް ޓަރްޓުއަށް ޒިޔާރާތްކުރައްވައި، އެ ޔުނިވާސިޓީގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓްސް އެންޑް އެސްޓޯނިއަން ޖިނޯމް ޑޭޓާބޭސް ސެންޓަރަށް ޒިޔާރާތްކުރައްވާނެއެެވެ. މީގެ އިތުރުން އެ ޔުނިވާސިޓީގެ ގްރީނާޖީ ޑޭޓާ ސެންޓަރަށް ވެސް ޒިޔާރާތްކުރައްވާނެއެވެ.
އޭގެއިތުރުން، އެސްޓޯނިއާގެ ރައީސަށް ލަފާދޭ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު އޮންނަ ވަށްމޭޒު މަޝްވަރާ ބައްދަލުވުމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހުރިހާ ބައްދަލުވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އައު އިޖާދުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އެސްޓޯނިއާއިން ހޯދައިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.