އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން އެންމެ ފަހުގެ އަންހެން ސިންގަލްސް ޗެމްޕިއަން އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ ސަބަލެންކާ މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި އެމެރިކާގެ ސްލޮއާން ސްޓެފެންސްއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ކާމިޔާބު ކުރިއިރު އޭނާ ދެވަނަ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ. އުމުރުން 26 އަހަރުގެ ސަބަލެންކާ މިމުބާރާތާއި ކުރިމަތިލާފައިވަނީ ޖެހިޖެހިގެން ތިން ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރާ ހަތްވަނަ ކުޅުންތެރިޔާއަށް ވުމުގެ އުންމީދާއެކުއެވެ.

އެންމެ ފަހުން މިމުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކޮށްފައިވަނީ މާޓީނާ ހިންގިސްއެވެ. އޭނާ ތިންވަނަ ފަހަރަށް މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ 1999 ވަނަ އަހަރެވެ. ސަބަލެންކާ ވަނީ 2023 ވަނަ އަހަރު ފެށުނު ފަހުން މިހާތަނަށް ހާޑް ކޯޓުގައި ކުޅުނު ގްރޭން ސްލޭމްގެ 29 މެޗުގެ ތެރެއިން 28 މެޗު ކާމިޔާބު ކޮށްފައެވެ. އަދި އޮސްޓްރޭލިއަން އޯޕަންގައި އޭނާ އެންމެ ފަހުން ކުޅުނު 15 މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ އަންހެން ކުޅުންތެރިޔަކީވެސް ސަބަލެންކާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ މިމުބާރާތަށް އަނބުރާ އާދެވެމުން އުފާކުރާ ކަމަށެވެ. މިމެޗުގައި އެންމެ ރަނގަަޅަށް ކުޅެވުނު ކަމަށް ގަބޫލް ނުކުރެވުނު ނަމަވެސް މިމެޗު ކާމިޔާބު ކުރުމުން ހިތްހަމަ ޖެހޭ ކަމަށްވެސް ސަބަލެންކާ ހާމަކުރިއެވެ.

މިމުބާރާތުގެ ދެވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ ސްޕެއިންގެ ޖެސިކާ ބޮއުޒާސް މަނެއިރޯ އާއެވެ.

މިމުބާރާތުގެ ދެވަނަ ބުރުން ވަނީ، މިދިޔަ އަހަރުގެ ފައިނަލްގައި ސަބަލެންކާއާ ވާދަކުރި މިފަހަރުގެ މުބާރާތުގައި ފަސް ވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ޒެން ގިންވެންވެސް ޖާގަހޯދައިފައެވެ. އޭނާ ދެވަނަ ބުރުން ޖާގަހޯދީ ކޮލިފައިން ކުލެގެން މިމުބާރާތުން ޖާގަހޯދި ރުމޭނިއާގެ އަންކާ ޓޮޑޯނީއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ސެޓު ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. މިގޮތުން ފުރަތަމަ ސެޓުގައި ފަހެއް ހަތަރަކުން ކުރީގައި އޮވެ ސާޅީސް ސުމަކުން ކުރީގައި އޮވެ މެޗަށް ސާވް ކުރަމުން ދިއުމާއެކުވެސް އޭނާއަށް އެކަން ކުރެވޭގޮތް ނުވެ ޓައި ބްރޭކަކަށް ދިޔައެވެ. ނަމަވެސް ޒެން ވަނީ މި ޓައިބްރޭކް ހަތެއް ތިނަކުން ކާމިޔާބު ކޮށް ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ދެވަނަ ސެޓު ޒެން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ.

މެޗަށްފަހު ޒެން ބުނީ ފުރަތަމަ ސެޓަކީ އަބަދުވެސް އުނދަގޫ ސެޓެއް ކަމަށާއި މިސެޓު އެހާ އުނދަގޫވީ އޭނާއަށް އަމިއްލައަށް ގޯސް ހެދެމުން ދިއުމާ ގުޅިގެން ކަމަށެވެ.