ސަރުކާރާ ދެކޮޅަށް އެމްޑީޕީން ހުއްޓާ ނުލައި ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތް ކަވަރު ކުރަން މަސައްކަތް ކުރި ސަން އޮންލައިންގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމަށް މުޒާހަރާގެ ތެރެއިން އެއްލި ބެޓެރީ ބުރިއަކުން ޖެހި ބޯ ފަޅާލައިގެން ހިނގައްޖެ އެވެ.

ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާގެ ތެރެއިން މިރޭ 7:00 ޖަހާ އެހާކަންހާއިރު އެއްލި ބެޓެރި ބުރިއަކުން ޖެހި މުރުޝިދުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު ފުލުސް މީޑިޔާގެ ކެމެރާމަނަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސަން އޮންލައިންގެ ނޫސްވެރިޔާގެ ބޮލުގައި ބެޓެރި ބުރިން ޖެހި ބޯ ފަޅައިގެން ދިޔަ ވަގުތު ހޭނެތިގެން ވެއްޓުނު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ފުލުހުންގެ އެހީގައި ކަމަށެވެ. މީގެ އިތުރުން ފުލުސް ކެމަރާމަނު ޒަހަމްވީ ވެސް މުޒާހަރާގެ ބައިވެރިއަކު އެއްލި ބެޓެރިބުރިއަކުން ބުރަކަށީގައި ޖެހިގެން ކަމަށާއި ފުލުސް މީހާގެ ބުރަކަށިން ބޮޑު ބައެއް ދުޅަވެފައިވާ ކަމަށެވެ.

މުރިޝުދުގެ ބޮލަށް ލިބުނު ޒަހަމަށް އައިޖީއެމްއެޗުގައި ފަރުވާ ދޭއިރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. ފުލުސް ކެމެރާމަނަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

ހޮސްޕިޓަލްގައި މިވަގުތު އޮތް މުރުޝިދާ ހަވާލާދީ ސަން އޮންލައިންގެ އިސް އޮފިޝަލަކު ވިދާޅުވީ މުރުޝިދުގެ ބޮލުގައި ބެޓެރި ބުރިއަކުން ޖެހީ މުޒާހަރާ ހިންގަމުންދާ ގޮތުގެ މައުލޫމާތު ސަން މިޑިއާގެ ގްރޫޕްގެ ރޭޑިއޯ، ސަން އެފްއެމްއަށް ދެމުން ދަނިކޮށް ކަމަށެވެ. މުޒާހަރާ ކަވަރު ކުރުމަށް އޭނާ ބޭނުން ކުރި އާލާތްތަކަށް އޭގެ ފަހުންވީ ގޮތެއް ވެސް ނޭނގޭ ކަމަށެވެ.

ސަރުކާރު ވައްޓާލުމަށް ފަހުގައި ނޫނީ ހުއްޓައި ނުލާ ގޮތަށް އެމްޑީޕީން ފަށާފައިވާ މުޒާހަރާ ކަވަރު ކުރުމުގައި އުޅެނިކޮށް ސަންގެ ނޫސްވެރިޔާ އަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު މީގެ ކުރިން މި މުޒާހަރާގެ ބައިތަކުގައި ވަނީ އެކިފަހަރު މަތިން ފުލުހުން ޒަހަމްވެފަ އެވެ.

މުޒާހަރާގައި ނޫސްވެރިންނަށް ހަމަލާ ނުދިނުމަށާއި އެއްވެސް ފަރާތަކުން ނޫސްވެރިންނަށް ހުރަސް ނޭޅުމަށް އިއްޔެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލު ވިދާޅުވީ، މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް އެއްވެސް ފަރާތަކުން ހަމަލާދީގެން ނުވާނެ ކަމަށާއި ނޫސްވެރިންނަށް މިނިވަން ކަމާ އެކު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށެވެ.