12 Jan 2025, 12:45
ޖަރުމަނު ބުންޑެސްލީގާގެ ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔޭން މިޔުނިކާއި ބޮރޫޝިއާ މޮންޗެންގްލަދްބެކް ބައްދަލުކުރި މެޗު ބަޔޭނުން ކާމިޔާބު ކޮށްފިއެވެ.
ގްލަޑްބެކްގެ ދަނޑުގައި ކުޅުނު މިމެޗު ބަޔޭން އިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. ނަމަވެސް ގްލަޑްބެކް އިން ވަނީ މިމެޗުގައި ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފުގައި ބަޔޭންއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބަޔޭންއަށް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.
މިމެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގެ ފެށުން ރަނގަޅުވީ ގްލަޑްބެކްގެއެވެ. މިގޮތުން މެޗުގެ ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތެއް އެޓީމަށް ވެސް ލިބިގެންދިޔައެވެ. މިމެޗުގައި ބަޔޭން އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 68ވަނަ މިނެޓުގައި ލިބުން ޕެނަލްޓީ އަކުންނެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. މިއީ އޭނާ މިސީޒަންގައި ލީގުގައި ކާމިޔާބުކުރި 15ވަނަ ލަނޑެވެ. މިލަނޑާއެކު އޭނާ އަނެއްކާ ވެސް ވަނީ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް ޖެހިލާފައެވެ. އޭނާ އާއި މިލިސްޓުގައި އެންމެ ގާތުން ވާދަކުރަނީ އެއިންޓްރެކްޓް ފްރޭންކްފާޓްގެ އޮމަރު މަރްމޫޝްއެވެ.
މިކާމިޔާބީއާއެކު ބަޔޭން މިހާރު ވަނީ ތާވަލްގެ އެއްވަނައިގާ 39 ޕޮއިންޓާއެކު ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އުޅެނީ 35 ޕޮއިންޓްގައެވެ. އަދި މިމެޗުން ބަލިވުމާއެކު ގްލަޑްބެކް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 10ވަނައިގައެވެ.
މިމުބާރާތުގެ ތާވަލުގެ ތިންވަނައިގާ އުޅޭ ފްރޭންކްފާޓް އާއި ސެއިންޓް ޕައުލީ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފްރޭންކްފާޓްއެވެ. މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 32ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މަރްމޫޝްއެވެ. މިއާއެކު ފްރޭންކްފާޓް ތިންވަނައިގާ އުޅެނީ 30 ޕޮއިންޓާއެކުއެވެ.