އެމްޑީޕީ އިން މިހާރު ކުރިއަށް ގެންދާ ސީދާ ހަރަކާތްތަކުގެ ސަބަބުން ސަރުކާރަށް ކުޑަ ނަމަވެސް ލޮޅުމެއް އަރައިގެން ނުދާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވީ އެމްޑީޕީގެ ސީދާ ހަރަކާތުން މިސަރުކާރަށް ގުޑުމެއް ނާރަނެ ކަމަށާއި އަދި ސަރުކާރު ވެއްޓިގެން ނުދާނެ ކަން އެމްޑީޕީ އަށް ވެސް އެނގޭ ކަމަށާއި ނަމަވެސް ސީދާ ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދަނީ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މިހާރު މިއޮތް ގާނޫނީ ސަރުކާރު ދެމެހެއްޓުމަށް ތައްޔާރުވެގެން. އިރާދަކުރެއްވިޔާމު މިސަރުކާރު 2013 ވަނަ އަހަރާ ހަމައަށް ބާރުވެރިކަމާ އެކު ކުރިއަށް ގެންގޮސް ދަމަހައްޓާ ނަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ފޮރުވިފައިވާ މަގުސަދަކީ ފުލުހުންނާއި ސިފައިން އެމީހުންނަށް ހަމަލާދޭކަން ދައްކަން އެކިއެކި ވީޑިއޯ ފްޓޭޖާއި އަދި ފޮޓޯ ނަގައި އެތަކެތި ބޭރުގެ މީޑީއާތަކުގެ ސަމާލުކަމަށް ގެނެސް ފުލުހުންނަކީ އަނިޔާވެރި ބައެއްގެ ގޮތުގައި ބޭރުގެ ގައުމުތަކަށް ދެއްކުމަށް މަސައްކަތް ކުރުން ކަމަށެވެ.

"އެމްޑީޕީއަކީ ވަރަށް ހީލަތްތެރި މަކަރުވެރި ސިޔާސަތުތަކެއް ގެންގުޅޭ ބައެއް. އެދައްކާ ގޮތް ނޫން އެހެން އެޖެންޑާއެއް އަޑީގައި އޮންނާނެ. އެމީހުން އެ ބޭނުންވަނީ އެތަނަށް އައިސް މީހުންނަށް ފުރައްސާރަކޮށް އަދި ފުލުހުންނަށާއި ސިފައިންގެ ގަޔަށް އަރައި އެބޭފުޅުން އޭގެ ރައްދުގައި އެބޭފުޅުން ދިފާއުވުމަށް ޓަކައި ގެންދާ ހަރާކަތްތަކެއް ވީޑިއޯ ކުރުން. ވީޑިއޯ ފުޓެޖްނަގައި ފޮޓޯ ހެދުން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ސީދާ ހަރަކާތުގެ ނަމުގައި މުޖުތަމައު ފަސާދަކޮށް ހަމަނުޖެހުން ހިންގަމުން ގެންދާ ހަރަކާތްތައް ހަރުކަށި އިބާރަތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ކަންކަން އެމްޑީޕީން ހުއްޓާލަން ޖެހޭ ކަމަށެވެ.