އިނގިރޭސި އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން އެންމެ ފަހު މުބާރާތުގެ ފައިނަލްގައި ވާދަކުރި މެންޗެސްޓާ ސިޓީ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަހޯދީ އެޓީމުގެ ދަނޑުގައި ސަލްފޯޑާ ދެކޮޅަށް ކުޅުނު ތިންވަނަ ބުރުގެ މެޗު އަށް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ސަލްފޯޑަށް މާބޮޑު ކަމެއް ކުރެވުނު ތަނެއް ނުފެނުނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދީ މެޗުގެ ލީޑު ނަގައިދިނީ ޖެރެމީ ޑޮކޫއެވެ. މިމެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 20ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިޓީގެ ސީނިއާ ޓީމަށް ފުރަތަމަ މެޗު ކުޅެދެމުންދިޔަ ޑެވިން މުބާމާއެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ނީކޯ އޯރައިލީ ވަނީ ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ އޯރައިލީ ވެސް ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ޖެކް ގްރީލިޝް ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހަށް ފަހު އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ސިޓީގެ ފަސްވަނަ ލަނޑު މެޗުގެ 62ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މެކަޓީއެވެ. މިމެޗުގައި މެކަޓީ ވަނީ އިތުރު ދެ ލަނޑު މެޗުގެ 72ވަނަ މިނެޓާއި 81ވަނަ މިނެޓުގައި ކާމިޔާބު ކޮށް މިމެޗުގައި ހެޓްރިކެއްވެސް ފުރިހަމަ ކޮށްފައެވެ.

މިއީ އުމުރުން 10 އަހަރުން ފެށިގެން ސިޓީއަށް ކުޅެމުންދާ މެކަޓީއަށް ތާރީހީ ވަގުތު ކޮޅެކެވެ. މީގެއިތުރުން ޑޮކޫވެސް ވަނީ އިތުރު ލަނޑެއް މިމެޗުގައި ކާމިޔާބު ކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީ ހަތަރުވަނަ ބުރުން ޖާގަހޯދާފައިވާއިރު ބޯންމޯތު ވެސް ވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފައެވެ. ބޯންމޯތު ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ބައްދަލުކުރި މެޗު ފަސް ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ވެސްޓް ބޮރިމް އަށް 14ވަނަ މިނެޓުގައި ސެލެބް ޓޭލާ ކާމިޔާބު ކޮށްދި މެޗުގެ ލީޑު ނެގި ނަމަވެސް ބޯންމޮތުންވަނީ ފަހަތުން އަރާ ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މިގޮތުން ޖަސްޓިން ކްލައިވާޓް 27ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު ޑަންގޯ އޮއަޓާރާ ވަނީ 34ވަނަ މިނެޓާއި 44ވަނަ މިނެޓުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ލަނޑު އެއް ލަނޑުގެ ލީޑެއް ނަގައިފައެވެ. މިމެޗުގައި ބޯންމޯތުގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ އެންޓޮއިން ސެމެންޔޯ އާއި ޑެނިއެލް ޖެބިސަންއެވެ.