11 Jul 2012, 17:36
މަސައްކަތް ލަސްވެފައި ހުރި ރީޖަނަލް ފަސް އެއާޕޯޓެއްގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވީ އެ މިނިސްޓްރީ އިން އެންމެ ބޮޑު މަސައްކަތަކަށް މިވަގުތު ކުރަމުންދަނީ ރީޖަނަލް އެއާޕޯޓުތައް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ބ. ދަރަވަންދޫ، އާއި ތ. ތިމަރަފުއްޓާއި ގއ. ކޫއްޑޫގެ އިތުރުން ރ. އިފުރާއި އަދި ގދ. މާވަރުލުގެ އެއާޕޯޓް ހެދުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިވަނީ އެއާޕޯޓުގެ މަސައްކަތް ފެށިފައި. ޕްލޭނިން ސްޓޭޖްގައި ނުވަތަ އިންވެސްޓަރުން ހޯދުމުގެ މަސައްކަތުގައި މިއުޅެނީ،" މިނިސްޓަރު ޑރ. ޝަމްހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ނުފެށި އޮތް ދެ އެއާޕޯޓަކީ ނ. މާފަރާއި ށ. ފަރުކޮޅުގެ އެއާޕޯޓް ކަމަށާއި އަދި ދެ އެއާޕޯޓުގެ މަސައްކަތް ކުރުމަށް އިންވެސްޓަރުންނާ ވާހަކަ ދައްކައި ތަންތަނަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިދާޅުވީ އެ މިނިސްޓްރީން އިސްނަގައިގެން ހއ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ކޮންސަލްޓޭޝަން ސްޓޭޖުގައި ކަމަށެވެ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ހއ. އަތޮޅުގައި އެއާޕޯޓެއް އެޅުމުން ދަތުރުކުރަން ފަސޭހަވެ، ޓޫރިޒަމް ވިޔަފާރި އެ އަތޮޅުގައި ކުރިއަރައިގެންދާނެ ކަމަށެވެ. ހއ. އަތޮޅުގައި ޓޫރިޒަމް ކުރިއަރުމުން އަންނަ އިރު އެއާޕޯޓެއް އޮތުން ކޮންމެހެން މުހިންމުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އުލިގަމުގައި ކުރިއަށް ގެންދިޔަ ސިޓީ ހޮޓަލުގެ މަސައްކަތް ވެސް ހުއްޓުނީ ދަތުރުފަތުރުގެ ހަރަދު ބޮޑުވެގެން ކަމަށެވެ. އަދި އެއާޕޯޓެއް ހެދުމުން ދަތުރުކުރުމުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.