ފަލަސްތީނުގެ ރައްޔިތުންގެ އެންމެ ހިތްދަތި އެއް އަހަރު ކަމަށްވާ 1948 ވަނަ އަހަރުގެ ނަކްބާގެ ވާހަކަ ކިޔައިދޭ ވީޑިއޯ ގޭމެއް އުފައްދަން ކުރަމުން އަންނަ މަސައްކަތް ގާތްގަނޑަކަށް 300 ފަހަރު ރިޖެކްޓުކޮށްލާފައިވާ ކަމަށް ޑިވެލޮޕަރު ބުނެފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން މެއި 15 ފާހަގަކުރަނީ "ނަކްބާ" ދުވަހުގެ ގޮތުގައެވެ. ނުވަތަ ފަލަސްތީނުގެ ނަސްލު ދޮވެލުމަށް 1948 ވަނަ އަހަރު ލާއިންސާނީ ޖަރީމާއެއްގެ ފެށުމުގެ ހިތްދަތި ހަނދާންތަކުގައެވެ.

މި ހަނދާންތަކުގެ މައްޗަށް އަލިއަޅުވާލައި ތަފާތު ވާހަކަތަކެއް ކިޔައިދޭ ގޭމެއް ފުރިހަމަ ކުރުމަށްޓަކައި ފަލަސްތީނަށް އުފަން ރަޝީދު އަބޫއީދޭ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަޝީދު ވަނީ މި ގޭމްގެ ވާހަކައާއި ކޮންސެޕްޓް ފުރިހަމަ ކުރުމަށްޓަކައި މަގުޗާޓު ވެސް ތައްޔާރުކޮށްފައެވެ. އެގޮތުން، ނަކްބާގެ ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ގޭމްގައި ކިޔައިދޭނީ ހަނގުރާމައިން ދަރިންތައް ރައްކާތެރިކޮށްދީ އަނިޔާތަކުން ފިލުމަށް މަސައްކަތްކުރާ މަންމައެއްގެ ވާހަކައެވެ.

މިއީ ހިޔާލީ ވާހަކައެއް ނަމަވެސް މިފަދަ އެތައް، އަދި މިއަށްވުރެ ވެސް ހާލަތު ގޯސް ވާހަކަތައް އަޑު އިވިފައިވާ ކަމަށް އޭނާ ބުނެއެވެ. މި ވާހަކަތައްކަށް ބިނާކޮށް ހިޔާލީ ކެރެކްޓަރުތަކެއް އުފެއްދީ ކަމަށް އޭނާ ބުނެއެވެ.

"ފަލަސްތީނުގެ ވާހަކަ ދެއްކުމަކީ ބައިނަލްއަގުވާމީ މައިދާނުތަކުގައި އަބަދު ވެސް ވަރަށް ގޯސްކަމެއް ގޮތުގައި އޮންނަނީ ފެނިފައި،" ރަޝީދު ކިޔައިދިނެވެ.

މި ގޭމް އުފައްދަން ބޭނުންވާ ފަންޑު ހޯދުމަށް ރަޝީދު އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން، އެކި ގްރާންޓުތަކަށް ހުށަހަޅައިން ގާތްގަނޑަކަށް 300 އެއްހާ ފަހަރު ގޭމް މިހާރު ރިޖެކްޓުކޮށްލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންމެ ފަހަރަކު ވެސް ގޭމް ރިޖެކްޓްކޮށްލަނީ އެ މާ ކޮންޓްރޮވާޝަލް ކަމަށް ބުނެއެވެ.

ރަޝީދު ބުނާ ގޮތުގައި ދެން އޮތް ހައްލަކީ ކްރައުޑް ފަންޑިންއެވެ. ނަމަވެސް، ފަލަސްތީނުގައި ހުރެ ކްރައުޑް ފަންޑިން ވެސް މަސައްކަތް ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއެވެ. އެއީ، ގިނަ ކްރައުޑް ފަންޑިން ކުންފުނިތަކުން ފަލަސްތީނު ބަލައިނުގަންނާތީއެވެ.

މި ހުރިހާ ފިއްތުންތަކާ އެކުގައި ވެސް ރަޝީދު އަދިވެސް އުންމީދު ކުރަނީ ގޭމް ފުރިހަމަކުރެވޭނެ ދުވަހެއް އަންނާނެ ކަމުގައެވެ. އެ ގޭމުން ފަލަސްތީނުގެ ރައްޔިތުންގެ ވާހަކަ ތަންކޮޅެއް ބޮޑަށް އާންމުންނަށް އެނގުމަކީ ގޯލެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.