ވޮޝިންގޓަން (ޖުލައި 11) : އީރާނުން ހަލުއިކަމާއެކު މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރަމުންގެންދާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އީރާނުން ގެންދަނީ މެދުރާސްތާގެ މިސައިލާއި ދުރުރާސްތާގެ މިސައިލް އުފެއްދުމުގެ އިތުރުން އޭގެ ފެންވަރު ރަނގަނޅު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިސައިލްތަކުގެ ރާސްތާ ދިގުކުރުމާއި އޭގައި ހަރުކުރާ ވޯހެޑް ބާރުގަދަކުރުމުގެ އިތުރުން އަމާޒަށް ވާސިލްވުމުގެ ޤާބިލްކަން މިސައިލްތަކުގައި އިތުރުކުރުމަށްވެސް އީރާނުން ރީސާޗް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މިރިޕޯޓް ބުނެއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ސޮއިކުރައްވާފައިވާ މިރިޕޯޓްގައި، 2015 ވަނަ އަހަރާ ހަމައަށްދާއިރު ފަސްހާސް ކިލޯމީޓަރުގެ ރާސްތާ އަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެޓަލް ބެލަސްޓިކް މިސައިލް އީރާނުން އުފައްދާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަމިއްލައަށް މިސްރާބު ހޯދައިގެން އަމާޒަށް ވާސިލްވުމުގެ ޤާބިލްކަން ލިބިގެންވާ ސްމާޓް މިސައިލްގެ ޓެކްނޮލޮޖީވެސް އީރާނުން މިހާރު ޙާސިލްކޮށްފައިވާ ކަމަށް މިރިޕޯޓްބުނެއެވެ.

އީރާނުން މިހާތަނަށް އުފައްދާފައިވާ ޝިހާބު 3 މަރުކާގެ ދުރުރާސްތާގެ މިސައިލަކީ 2000 ކިލޯމީޓަރުގެ މިސައިލެކެވެ. މިއީ އިސްރާއީލުގެ ކޮންމެތަނަކަށްވެސް ޙަމަލާދެވޭނެ މިސައިލެކެވެ. އެމެރިކާގެ މިރިޕޯޓަށް ކޮމެންޓް ކުރައްވަމުން ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ މަރުކަޒުން ބުނީ މިސައިލް ޓެކްނޮލޮޖީ ތަރައްޤީކުރުމަށް އީރާނުން ބޮޑެތި ޢިލްމީ ދިރާސާތަކެއް ކުރަމުންގެންދާ ކަމުގައެވެ. އަދި އީރާނުގެ މިސައިލް ޓެކްނޮލޮޖީއަކީ އެމެރިކާގެ ދިފާޢީ ސިސްޓަމްތަކަށާއި ގަލްފުގެ ދަތުރުފަތުރުގެ ނިޒާމްތަކަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ޓެކްނޮލޮޖީއެއް ކަމަށާއި މިބިރު މުސްތަޤްބަލްގައި ބޮޑުވެގެންދާނެ ކަމުގައެވެ.

މިމަރުކަޒުން ކުރިން ބުނެފައިވާގޮތުން ދުނިޔޭގައި މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ 4 ޤައުމުގެ ތެރޭގައި އީރާން ހިމެނެއެވެ. މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް ސައެންޓިފިކް ދިރާސާތައްކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިޔާ، ޗައިނާ، އީރާން އަދި ޕާކިސްތާނުގެ އިތުރުން އިސްރާއީލާއި އުތުރުކޮރެޔާއާއި ދެކުނު ކޮރެޔާ ހިމެނެއެވެ. -- ނޫސްއެޖެންސީތައް