11 Jul 2012, 16:37
މަގުމަތީގައި ބަހައްޓާފައި ހުރި ފުލުހުންގެ ރޯޑް ބްލޮކްތަކެއް "ވަގަށް ނެގި" ކަމުގެ ތުހުމަތުގައި ސިޓީ ކައުންސިލްގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ މަގުމަތީ ބަހައްޓާފައި ހުރި 11 ރޯޑް ބޮލްކެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ފުލުހުން އެ ތަކެތި ހޯދާފައި ވަނީ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި ހިންގަމުންގެންދާ ތައިސޭ ކޮށްޓަށް ގެންގޮސްފައި ވަނިކޮށް މިއަދު މެންދުރު 2:40 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) މިއަދު ވިދާޅުވީ މަގުމަތީގައި ބަހައްޓާ އެފަދަ ތަކެތި ނަގަން ޖެހޭނެ ކަމަށް ފުލުހުންނަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. އަދި ރޯޑް ބްލޮކްތައް ނެގީ ފުލުހުން އެތަކެތި ނުނެގުމުން ކަމަށާއި ރޯޑް ބްލޮކްތަކުގައި އެއީ ކޮންބައެއްގެ އެއްޗެއްކަން އެނގޭ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.
އަދި ހައްޔަރު ކުރީ ވެސް ރޯޑް ބްލޮކްތައް ނެގި އެ ކައުންސިލްގެ ދެ މުވައްޒަފުން ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ ރޯޑް ބްލޮކްތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ބިދޭސީ އަކާއި ދެ ދިވެހިން ކަމަށެވެ. ނަމަވެސް އެ މީހުންގެ ތަފްސީލެއް ނުދެ އެވެ.
ހަނީފް ވިދާޅުވީ ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ހަދާ މީހުންނާ ދޭތެރޭ ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.
"އެ އޮންނަ އުސޫލުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަނީފް ވިދާޅުވި އެވެ.
މާލޭގައި ކުރާ މުޒާހަރާތަކުގައި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދީ މަގުމަތީ ހުންނަ ރޯޑް ބްލޮކްތައް މޫދަށް އުކާލުމަކީ އާންމު ކަމެކެވެ. ނަމަވެސް ރޯޑް ބްލޮކްތަކެއް ވަގަށް ނެގި މިއީ ފުރަތަމަ ފަހަރެވެ.