މެލޭޝިޔާގެ ނެކްސް ބިޒުން ރާއްޖޭގައި ގާއިމްކުރަމުން އަންނަ އަގު ބޮޑު ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން ހޯމް މިނިސްޓަރު އެންގެވުމާއެކު އެ ޕްރޮޖެކްޓް ހުއްޓާލުމާ މެދު ސަރުކާރުގެ ތެރޭގައި ހިޔާލުތައް ދެކަފިވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކޮރަޕްޝަންގެ ތުހުމަތުތައް ކުރާ 39 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް ހުއްޓާލުމަށް އޭސީސީން މަސައްކަތް ކުރަނިކޮށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާތީ ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލު އަހުމަދު ވަނީ އެ ޕްރޮޖެކްޓް މަޑުޖައްސާލުމަށް ދެ ވަނަފަހަރަކަށް އިއްޔެ އިމިގުރޭޝަނަށް އަންގަވައިފަ އެވެ.

އެ އެންގުމާއެކު ސަރުކާރުގެ ތެރޭގައި ޕްރޮޖެކްޓް ހުއްޓާލުމާ މެދު ވަނީ ހިޔާލުތައް ތަފާތުވެފަ އެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ ކުށްވެރިވާނީ އެކަން ކުރި މީހެއް ކަމަށެވެ. ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން ނުޖެހޭ ކަމަށެވެ.

"ސަރުކާރުން ނުދެކެން ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ އެކަމެއް ހުއްޓާލަން ޖެހޭނެ ކަމަކަށް، އެކަން ކުރި މީހާ ކުށްވެރިވާނީ، އެމީހުން ޝަރީއަތަށް ގެންގޮސް، [އެބައެއްގެ] ގެ ވިއްކައިގެން ނަމަވެސް އޭގެ ބަދަލު ހޯދަން ޖެހޭނީ. މުޅި ޕްރޮޖެކްޓެއް ނޫން ހުއްޓަން ޖެހޭނީ، އެހެން ވިއްޔާ ތިލަފުށީ ގަވާއިދާއި ހިލާފަށް ހިއްކީމައި ވެލިތައް ކަނޑަށް ގެންގޮސްތޯ އަޅާލާނީ؟" އައްބާސް ސުވާލުކުރެއްވި އެވެ.

ނަމަވެސް ހޯމް މިނިސްޓާ ޑރ. ޖަމީލް ރޭ ސަން އޮންލައިނަށް ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓާ މެދު އޭސީސީވެސް އަދި ބަންޑާރަ ނައިބުގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭނީ އެ މައްސަލަތައް ހައްލުކޮށްގެން ކަމަށެވެ. ޑރ. ޖަމީލްވެސް ރޭ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށެވެ.

"މިނިވަން މުއައްސަސާއަކުން ވަކި ގޮތެއް ކުރަން އަންގާއިރު ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަކީ އެއީ އެކަން ކުރަން ޖެހޭނެ ގޮތެއް ނޫން، އަޅުގަނޑުމެން ޖެހޭނީ އެ މުއައްސަސާތަކުން އަންގާގޮތަށް އެކަން ކުރަން، އަނެއްކާ ޕްރޮޖެކްޓާ މެދު ކަންބޮޑުވުންތަކެއް ހުއްޓާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކީއްވެ ކަމާ މެދު ސުވާލުއުފެދޭ، މިހާތަނަށް ސަރުކާރުގެ ސިޔާސަތަކީ ވެސް އަޅުގަނޑަށް އެނގިފައި އޮތީ ކޮރަޕްޝަނަށް ޖާގަ ނުދިނުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާން މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ކުރިއަށް ގެންދިޔުމަށް ބާރު ލިބޭ ދެ ނިންމުމެއް ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ. އެއީ އިންސާނުންގެ ނަހަމަ ބޭނުން ކުރުމުގެ ވިޔަފާރި ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުން އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމެވެ. އަނެއް ނިންމުމަކީ ފިންގާ ޕްރިންޓް ހިމެނޭ ބޯޑާ ކޮންޓްރޯލް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށް ވިދާޅުވި އެވެ.

"މި ނިންމުންތަކުން އެނގެން މި އޮތީ ސަރުކާރުގެ ސިޔާސަތު، އަނެއްކާ ޝަރުއީ ކޯޓުތަކަށް އެކި ފަހަރުގޮސްގެން ވެސް ޕްރޮޖެކްޓް ހުއްޓާލުމުގެ އަމުރެއް ނެތް އިރު ޕްރޮޖެކްޓް ހުއްޓާލަން ޖެހޭނެ ގާނޫނީ ސަބަބެއް ވެސް ނެތް،" އައްބާސް ވިދާޅުވި އެވެ.

ނެކްސް ބިޒާއި އެ ޕްރޮޖެކްޓް 22 އަހަރު ދުވަހަށް ހަވާލުކޮށްފައިވަނީ އެ ޕްރޮޖެކްޓް ހަވާނުކުރުމަށް އޭސީސީން އިމިގުރޭޝަނަށް އަންގާފައިވަނިކޮށެވެ. އަދި 22 އަހަރުގެ ތެރޭގައި ރާއްޖެ އިން ފުރާ އަދި އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނެކްސް ބިޒަށް ނެގުމުގެ ބާރު ލިބިދެ އެވެ. އަދި އަލަށް ހައްދާ ކޮންމެ ވީސާ ހުއްދައަކުން އަދި އާ ކުރާ ކޮންމެ ހުއްދައަކުން 15 ޑޮލަރު ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.

އެ ޕްރޮޖެކްޓްގެ މައްސަލަތައް އަންނަނީ ހައިކޯޓުގައި ވެސް ހިނގަމުންނެވެ. އެ މައްސަލައިގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވަކި ކޮޅެއްގައި ނުޖެހި އޮއްވައި މުޅި ޕްރޮޖެކްޓްގެ 95 ޕަސެންޓް ނިންމާފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގުރޭޝަން ޑރ. މުހަންމަދު އަލީ ވަނީ ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް އެ ސިސްޓަމް ބޭނުން ކުރަން ފަށާނެ ކަމަށްވެސް ކޮންޓްރޯލާ ވިދާޅުވި އެވެ.

"އެ މަސައްކަތް ނެކްސް ބިޒުން އަލުން ފެށީ އެ މަސައްކަތް ހުއްޓާލަން ކޯޓުއަމުރެއް ނެތީމައި،" މިދިޔަ ހަފްތާ ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ކޮންޓްރޯލާ ވިދާޅުވެފައިވެ އެވެ. ނަމަވެސް ހޯމް މިނިސްޓްރީގެ ސިޓީއާ ގުޅިގެން ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ކޮންޓްރޯލާ ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

އައްބާސް ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މައްސަލައިގައި ޓެންޑާ އިވެލުއޭޝަން ބޯޑުގެ ކުރީގެ ޗެއާމަން ސާމި އަގީލް އާއި އަދި ކުރީގެ ކޮންޓްރޯލާ އިލްޔާސްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކޯޓުން ސާބިތުވެއްޖެ ނަމަ އެމީހުންނާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް ސަރުކާރު ފަހަށް ނުޖެހޭނެ ކަމަށެވެ.

"ސަރުކާރުގެ ރޫހަކީ އަދި އެދުމަކީވެސް މިހާރު ޕީޖީއަށް ފޮނުވާފައި ހުރި އެ ދޭބޭފުޅުންނާ ގުޅޭ ގޮތުން ހުރި މައްސަލަތައް އަވަހަށް ޕްރޮސިކިއުޓް ކުރައްވުން، އެކަމަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަން، އޭރުން ސަރުކާރުން ފަހެއް ނުޖެހޭނެ އެމީހުންނާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އަޅާކަން، އެކަމަކު މިހާރު ނިމުމާ ކައިރިވެފައި އޮތް ޕްރޮޖެކްޓެއް ހުއްޓާލާކަށް ނުޖެހޭނެ،" އައްބާސް ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލްގެ މައްސަލަ ހޫނުވެ ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ކުރީގެ ކޮންޓްރޯލާ އަދި ރައީސް ޑރ. މުހަންމަދު ވަހީދުގެ ޅިޔަނު އިލިޔާސް ހުސެއިން ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ. އެ މައްސަލަ ހޫނުވުމުން މި ސަރުކާރުންވެސް އިލިޔާސް ވަނީ އެ މަގާމުން ދުރުކޮށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާއަށް ދެއްވައިފަ އެވެ. ބޯޑާ ކޮންޓްރޯލް މަސައްކަތް ނެކްސް ބިޒާއި ހަވާލުކުރީ އިލިޔާސްގެ އިސްނެންގެވުމުގެ މަތިންނެވެ.

ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ނެކްސް ބިޒްގެ ޕްރޮޖެކްޓްގައި ކޮރަޕްޝަންވާ ކަމަށް އޭސީސީން ތުހުމަތު ކުރާނަމަ އެ ޕްރޮޖެކްޓް ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޯޓު އަމުރު ބާތިލުވާ ކޮންމެ ފަހަރަކު އަލުން މަސައްކަތް ވަނީ ފަށައިގެންފަ އެވެ.

އެ މައްސަލައިގައި ކުރީގެ ކޮންޓްރޯލާ އިލްޔާސް ވަނީ ބަންޑާރަ ނައިބުގެ އޮފީހުން އިމިގުރޭޝަން ދިފާއު ނުކުރާ ކަމަށް ބުނެ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިވަޑައިނުގެން އާޒިމާ ޝަކުވާ ރައީސްގެ އަރިހުގައި ސިޓީއަކުން އުފުލައްވައިފަ އެވެ. އަދި އެ ޕްރޮޖެކްޓަށް ބޭނުންވާ ލެޕްޓޮޕްތައްވެސް އެތެރެ ކުރީ ރައީސްގެ ހުއްދަޔާ އެކު ޑިއުޓީ ފްރީކޮށްގެންނެވެ.