ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލި މައްސަލައިގެ ހުކުމް ކުރުން އަންނަ ހަފްތާ އަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން އަންނަ ހަފްތާއަށް ފަސްކުރަން ޖެހުނީ ލަންކާ ހައިކޮމިޝަން މެދުވެރިކޮށް ނެގި ނަޖީބުގެ ވާރިސުގެ ބަޔާންގެ ސޮޔާއި އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުން ކޯޓަށް ލިބިފައިނުވާތީ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ދުވަހެއްކަމެއް ވިދާޅެއް ނުވެ އެވެ.

ނަޖީބުގެ މަރާގުޅިގެން ދައުލަތުން ދައުވާ ކުރާ މ. މަސްރޫރާ، އަހުމަދު މުއްރަތާއި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ޝަރީއަތަށް ހުށަހަޅާފަ އެވެ.
ހެކި ހުށަހެޅުމުގެ ކުރިން ދައުލަތުގެ ވަކީލު ވިދާޅުވީ އެމީހުން ދައުވާއަށް އިއުތިރާފު ވިޔަސް ހެކި ހުށަހެޅަން ނިންމީ ނަޖީބު މާރަލުމަށް އެމީހުން ކުރިކަންތައް ގާޒީ އަށް އިތުރަށް ޔަގީން ކޮށްދިނުމަށް ކަމަށެވެ.

ދައުލަތުން މިއަދު ހުށަހެޅި ހެކިތަކުގެ ތެރޭގައި ނަޖީބުގެ ކަރަށް ވަޅިހަރާފައި އޮތްއިރު ނަގާފައިވާ ފޮޓޯތަކެއް ވެސް ހިމެނެ އެވެ. ނަމަވެސް އެ ފޮޓޯތަށް ޝަރީއަތުގައި ދައްކާފައެއް ނުވެ އެވެ.

އައިޖީއެމްއެޗްގެ އޭޓީއެމުން މުއްރަތާއި ހަނާ ފައިސާ ނެގުމަށް ފަހު އެތާގެ ކެންޓީނަށް ގޮސްފައިވާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްތަކެއް ވެސް ހުށަހެޅި އެވެ. އަދި ދެ ފަހަރެއްގެ މަތިން އެ ދެ މީހުން އޭޓީއެމުން ފައިސާ ނަގާފައިވާކަން އިތުރަށް ކަށަވަރުކޮށް ދިނުމަށް ޓަކައި ކޭޝްކާޑުން ފައިސާ ނެގި ބޭންކް ސްޓޭޓްމަންޓް ވެސް ވަނީ ހުށަހަޅާފަ އެވެ.

ނަޖީބު މަރާލުމުން ގޭގެ ތެރޭގައި ވަސްދުވާތީ ވަސް ކަނޑުވާލުމަށް އެއާފުރެޝްނާ ޖެހުމަށް އެއާފުރެޝްނާ ފުޅިއެއް ގަންނަން ދިޔަކަން ސާބިތުކުރުމަށް ޓަކައި އެ ފިހާރައިގެ ސޭޓަކަށް އިން ބިދޭސީ މީހެއްގެ ބަޔާން ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ބަޔާން ޝަރީއަތަށް އިއްވާފައެއް ނުވެ އެވެ.

ނަޖީބު މަރާލުމަށް ފަހު އޭނާ ފޮރުވުމަށްޓަކައި ޑަސްބިން ގަތް ފިހާރައިގެ ސޭޓުގެ ބަޔާން ހުށަހެޅި އިރު އެ ޑަސްބިނުން މުއްރަތާއި ހަނާގެ ފިންގާ ޕްރިންޓް ފެނުނުކަން ސާބިތުކުރުމަށް ފިންގާ ޕްރިންޓް ރިޕޯޓެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

މަސްރޫރާގޭގެ ވެރި މީހާ ކަމަށްވާ އަޒީޒާ ހަސަންގެ ބަޔާނެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ބަޔާން ވެސް ޝަރީއަތަށް އިއްވާފައެއް ނުވެ އެވެ.

ހެކި ހުށަހެޅުމަށް ފަހު ދައުލަތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ޚުލާސާ ބަޔާނުގައި ވަނީ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ހަނާ އާއި މުއްރަތު ދައްކާފައި ހުރި ވާހަކަތަކެވެ.
ހެކި ހުށަހަޅާ ނިމުމުން އެ ހެކިތަކުގެ ތެރޭގައި އިންކާރުކުރާ އެއްވެސް ހެއްކެއްވޭތޯ ގާޒީ އެއްސެވުމުން މުއްރަތާއި ހަނާ ވެެސް ބުނީ އެއްވެސް ހެއްކަކަށް އިންކާރުނުކުރާ ކަމަށެވެ.