22 Aug 2010, 11:38
18:08
ރާއްޖެ އަށް ހަމަލާދީ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި ސިޔާސީ އިސް ލީޑަރުންނާއި ބޭރުގެ ބައެއް ޑިޕްލޮމޭޓުން އަވަހަރާކޮށްލަން ބޭރު ގައުމެއްގައި ރާވަމުންދާކަމުގެ ސީރިއަސް މައުލޫމާތެއް ލިބެމުންދާތީ އެ މައުލޫމާތު ރޭ ދަންވަރު ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ޑީއާރްޕީން މިއަދު ބުނެފި އެވެ.
ޑީއާރްޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ ސީރިއަސް މި މައްސަލަ ބޭރުގެ ގައުމެއްގައި ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އުމަރު ވިދާޅެއްނުވެ އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު އަބްދުﷲ ޔާމީން ވެސް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި ކޮމެޓީގެ ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ ކޯޑިނޭޓަރު މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް ދެ ބޭފުޅަކު ރޭ އަނގަބަހުން އެ މައްސަލަ ހުށަހެޅުއްވި ކަމަށާއި ފުލުހުންނާ ވެސް ގުޅިގެން އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ބޭރު ގައުމެއްގެ ބަޔަކު ރާއްޖެ އަށް އަރާ ހަމަލާދޭން ރާވަމުންދާކަން އެނގުމާ އެކު ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް ރޭ މެންދަމު އަންގާފައިވާނެ،" އުމަރު ވިދާޅުވި އެވެ. "މިކަން ސަރުކާރާ ހިއްސާ ކުރުމުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވައި ރެއިން ފެށިގެން މައްސަލަ ތަހުގީގުކުރަން ވަނީ ފައްޓަވާފައި."
އުމަރު ވިދާޅުވީ ޑީއާރްޕީއަށް އިއްޔެ ލިބުނު މައުލޫމާތުގައި ރާއްޖޭން ބޭރުގައި ރާވަމުންދާ ހަމަލާގައި ރާއްޖެ އެރުމަށް ފަހު ރައީސް ނަޝީދާއި ރައީސް މައުމޫނާއި ސިޔާސީ ވަރަށް ގިނަ އިސް ލިޑަރުންނާއި ބައެއް ފަނޑިޔާރުންނާއި ރާއްޖޭގެ ތިބި ބޭރުގެ ބައެއް ޑިޕްލޮމޭޓުން އަވަހާރަކޮށްލަން ވަނީ ނިންމައިފައި ކަމަށެވެ.
ޑީއާރްޕީ އަށް ލިބިފައިވާ މައުލޫމުތައް ބުނާ ގޮތުން މި ހަމަލާގައި އަވަހާރަކޮށްލަން ނިންމާފައި ވަނީ ރައީސް ނަޝީދާއި ރައީސް މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އާއި ޑީއާރްޕީގެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާ އުމަރު ނަސީރާއި އަހުމަދު މަހުލޫފާއި އަލީ ވަހީދާއި ރާއްޖޭގައި ހުންނަ އދ. ރެސިޑެންޓް ކޮޑިނޭޓަރާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު މުޖުތާޒު ފަހުމީ އާއި އިސް ގާޒީ އަބްދުﷲ މުހައްމަދު ކަމަށެވެ.
އުމަރު ވިދާޅުވީ ޕާޓީއަށް ލިބުމުން ސަރުކާރާ ހިއްސާކުރި މައުލޫމާތަކީ ތެދަކަށް ވެސް ނުވަތަ ދޮގަކަށް ވެސް ވުމީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންވިޔަސް މި މައުލޫމާތު ލިބުމުން ހިއްސާކުރީ މިއީ ގައުމީ ސަލާމަތާ ބެހޭ ސީރިއަސް މައްސަލައަކަށްވާތީ މިފަދަ މައުލޫމާތެއް ސަރުކާރާއި ރައްޔިތުންނަށް ހިއްސާނުކޮށް ތިއްބައި މިއީ ތެދަކަށް ވެއްޖެ ނަމަ މާ ގޯސްވާނެތީ ކަމަށެވެ. ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ތިނެއް ނޮވެމްބަރުގައި ދިން ހަމަލައިގެ މައުލޫމާތު ވެސް ކުރިން އެނގިތިބެ ނޭންގުމުގެ ސަބަބުން ހިތާމައާ ކުރިމަތިލާންޖެހުނު ކަމަށް ވެސް، އޭރު ސިފައިންގޭގައި އުޅުއްވި އުމަރު ވިދާޅުވި އެވެ.
ޑީއާރްޕީން ބުނީ މި ހަމަލާ ރޭވިގެން އަންނީ ކޮން ގައުމަކުން، ކޮން އިރަކު ކަމެއް އެނގިފައިނުވާ ކަމަށާއި މިއީ ސައްތައިން ސައްތަ ސައްހަ މައުލޫމާތެއް ކަމެއްވެސް ބުނަން ނޭނގޭ ކަމަށެވެ.
ޑީއާރުޕީން މިއަދު ބުނީ މިއަދު ހެނދުނު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ވެސް މި މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އަދި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މަހުލޫފުގެ ގެއަށް ވެސް އެ މައުލޫމާތު ހިމެނޭ ސިޓީއެއް ކާކުކަން ނޭނގޭ ގޮތަށް ފޮނުވާފައިވާ ކަމަށާއި އަވަހާރަކޮށްލާނެ ކަމަށް ބުނާ ބޭފުޅުންގެ ނަންތައް ހާމަކޮށްފައި ވަނީ އެ ސިޓީގައި ކަމަށެވެ.
މި ހަމަލާގައި ބައިވެރިވާ 22 މީހަކު މިވަގުތު ރާއްޖޭގައި ތިބި ކަމަށް މިހާރު މައުލޫމާތު ލިބޭ ކަމަށް ވެސް ޑީއާރްޕީން ބުންޏެވެ.
17:45
އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު މޭޖާ އަބްދުއްރަހީމު އަބްދުއްލަތީފު ދެންމެ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް ރޭ ދެ ބޭފުޅަކު އަނގަބަހުން އެފަދަ މައްސަލައެއް ހުށަހެޅި ކަމަށާއި އެކަންތައްތައް ފުލުހުންނާ ވެސް ގުޅިގެން ބައްލަވަމުން ގެންދަވާ ކަމަށެވެ.
17:40
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު އަދި ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމު ދެންމެ ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ފުލުހުން ބުނަން ބޭނުން ނޫން ކަމަށެވެ.
17:25
އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު މޭޖާ އަބްދުއްރަހީމު އަބްދުއްލަތީފު ދެންމެ ވިދާޅުވީ އެ ބޭފުޅުންނަށް އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
17:00
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މުގައްރަރު އަބްދުﷲ ޔާމީން ސަންއެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ދެންމެ ވިދާޅުވީ އެފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހެޅިފައިވާ ކަމަށެވެ. މާދަމާ އެ ކޮމެޓީގެ ޖަލްސާއެއް ބާއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
16:30
ރާއްޖެ އަށް ހަމަލާދީ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުންނާއި ކުރީގެ ރައީސް އާއި އިދިކޮޅު ލީޑަރުންތަކެއް އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު ޑީއާރްޕީން ސަރުކާރާ ހިއްސާކޮށްފި އެވެ.
ޑީއާރްޕީން ބުނީ އެ ހަމަލާތައް ރާވާ ހަނގުރާމަވެރިންގެ ބަޔަކު މި ވަގުތު ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި އެ މައުލޫމާތު ރޭ އެމްއެންޑީއެފާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލަން ބޭނުންވާ މީހުންގެ ނަން ހިމެނޭ ލިސްޓެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ގެއަށް، "ހެޔޮއެދޭ މީހަކު" ރޭ ފޮނުވި ސިޓީއެއްގައިވާ ކަމަށެވެ.