އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް، ވެހިކަލްތަކަށް ދޫކުރާ ނަމްބަރު ޕްލޭޓްތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީ އިން ނުވަތަ އެ އޮތޯރިޓީ އިން ހުއްދަ ދޭފަރާތަކުން ދޫކުރާ އެއްޗަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޒަމާނީ ޓެކްނޮލަޖީގެ ތެރެއިން ވެހިކަލްތަކުގެ ރަޖިސްޓްރޭޝަނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބުދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ ސޮފްޓްވެއާއެއް ބޭނުންކޮށް ޒަމާނީ ގޮތަށް ވެހިކަލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ސޮފްޓްވެއާ ތައާރަފް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މާލޭގައި ވެސް އަދި ރާއްޖެތެރޭގެ އެކި ރަށްރަށުގައި ގެންގުޅޭ އުޅަނދުތަކުން ވައްކަން ކުރުމާއި ވެރިފަރާތައް ނޭނގި އެއްރަށުން އަނެއް ރަށަށް އުޅަނދުތައް ގެންދާ ކަމަށެވެ.

އަދި ވެހިކަލްތަކުގައި ހަރުކުރާ ޓްރެކިން ޑިވައިސްތައް ބޭނުންކޮށްގެން ވެހިކަލްތައް ދަތުރުކުރާ ސަރަހައްދު ބެލޭނެ ކަމަށާއި ޓްރެކިން ޑިވައިސް ހަރުކުރުމުން އެ ވެހިކަލް ވަނީ ކޮންތާކުތޯ ވަގުތުން ޓްރެކް ކޮށްލެވޭނެ ކަމަށެވެ.

އެ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި ނާފިޒު ވިދާޅުވީ އެކަން ފުރިހަމަވެގެން ދާނީ ޑިވައިސްތައް ހަރުކުރެވުނަސް ބައެއް ތަންތަނުގައި ކެމެރާތަކާއި އެއާ ގުޅޭ އަލާތްތައް ހަރުކޮށްގެން ކަމަށެވެ.

"އެބަ ހުރި ގޮންޖެހުންތައް މިކަމުގައި. ޑިވައިސް ހަރުކުރީމާ އެ ހަލާކޮށްނުލައި ބަހައްޓާފައި ހުންނާނެތޯ އަދި މާލޭގައި މިހެން ޑިވައިސްތައް ހަރުކުރެވުނަސް ބައެއް ތަންތަނުގައި ކެމެރާތަކާއި އެއާ ގުޅޭ އަލާތްތައް ހަރުކުރެވިގެން ފުރިހަމަ ވެގެންދާނީ. އެހެންނަމަވެސް ސިސްޓަމަކީ އަގުބޮޑު ސިސްޓަމެއް ނޫން. މީގައި އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ ވެހިކަލްތައް ވާތަންތަން ހޯދުމުގައި ފަސޭހައެއް ވެގެންދިއުން،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ވިދާޅުވި އެވެ.

ރަޖިސްޓްރޭޝަނަށް ގެންނަ ބަދަލާ އެކު އެންމެ ބޮޑު ބަދަލެއް އަންނާނީ ނަމްބަރު ޕްލޭޓަށް ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ. އަދި ނަމްބަރު ޕްލޭޓްތައް ދާއިމީ ވެގެންދާ އިރު، ޕްލާސްޓިކްގައި ހަދާފައި ހުރި ނަމްބަރު ޕްލޭޓްތައް އެހެން މެޓީރިއަލްއަކަށް ބަދަލުވެގެންދާނެ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

އޭނާ އަދި ވިދާޅުވީ މިހާރު ހުރި ނަމްބަރު ޕްލޭޓްތައް ހެދިފައި ހުރީ ވަރަށް ފެންވަރު ދަށްކޮށް ފަސޭހައިން ހަލާކުވާ ގޮތަށް ކަމަށެވެ.

"މިހާރު މި ހުންނަނީ ޕްލާސްޓިކް ކޮޅެއްގައި. އެކްސިޑެންޓް ވީމާ ރަޖިސްޓްރީ ވެސް ހަލާކުވެ ނެތިގެންދާ ކަހަލަ ގޮތަކަށް. ވައްކަން ކުރަން ބޭނުންވާ މީހާ އަމިއްލަ އަށް ގޭގައި ވެސް ހުރެގެން ހެދޭ ކަހަލަ ގޮތަކަށް،" ނާފިޒު ވިދާޅުވި އެވެ.

ޓެކްނޮލަޖީގެ އެހީގައި ވެހިކަލް ރަޖިސްޓްރޭޝަނަށް ގެންނަ ބަދަލާ އެކު ކޮންމެ ވެހިކަލަކަށް ސްޓިކާ ދޫކުރވިފައި ހުރީ ކިހާވަރަކަށްތޯ ވެސް އެނގިގެންދާނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކާ ހިއްސާކުރާ އެ މައުލޫމާތުތައް މީރާ އަށް ދިޔަސް ޕޮލިހަށް ދިޔަސް ފަސޭހައިން މައުލޫމާތު ލިބޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެ އެވެ.

އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީގެ އިތުރުން، އެކިއެކި ޕްރޮޖެކްޓްތަކަށް ރާއްޖެ ގެންނަ ބޭރުގެ އުޅަނދުތަކުން އިމްޕޯޓު ޑިއުޓީ ނުނަގާ ގޮތަށް ގެނައި ބަދަލާ ގުޅިގެން، މިނިސްޓްރީގައި އެތަކެތި ރަޖިސްޓްރީ ކުރެވޭނެ ގަވާއިދެއް ހެދުމަށް ފަހު އޭޖީ އަށް މިހާރު ފޮނުވާއިފައިވާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.