11 Jul 2012, 15:16
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ބެލުމަށްފަހު އެކަމުގައި ފަހުމީ "ބައިވެރިވުމެއް" އޮތް ކަމަށް ކޮމެޓީން ނިންމުމާ ގުޅިގެން، ފަހުމީ، މެންބަރު ކަމުން އިސްތިއުފާދެއްވުމަށް މުހުލަތެއް ދީފި އެވެ. ކޮމެޓީން ނިންމާފައި ވަނީ 14 ދުވަހުގެ ތެރޭގައި މެންބަރުން ކަމުން ފަހުމީ އިސްތިއުފާ ދެއްވުމަށެވެ.
ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މަޖިލިސް މެންބަރަކު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސީއެސްސީގެ މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ހުށަހެޅި މައްސަލާގައި ސީއެސްސީގެ މުވައްޒަފުން ހާޒިރުކޮށް ޖަވާބުދާރީކޮށް ބެލިބެލުމުން އަންހެން މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ކޮމެޓީއަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ނިންމައި އޭނާއާމެދު ފިޔަވަޅު އެޅުމަށް ފާސް ކުރީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ. ކޮމެޓީގެ 11 މެންބަރުންގެ ތެރެއިން ދެކޮޅަށް ދެއްވި ވޯޓް 5-5 އެއްވަރު ވުމުން، ކޮމެޓީގެ މުގައްރިރަކަށް އިންނެވި މުހައްމަދު ނަޝީދު ވޯޓް ދެއްވީ އޭނާއާމެދު ފިޔަވަޅު އެޅުމަށެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތު ކުރި ކޮމެޓީގެ އެހެން މެންބަރަކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ސީއެސްސީގެ މެންބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީން ލަފާދެއްވި ގޮތަށް އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އިސްތިއުފާ ނުދެއްފައިފިނަމަ، އޭނާގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ކޮމެޓީން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
"ކޮމެޓީއަށް އެފަދަ ނިންމުމެއް ނިންމޭނެ. މިނިވަން މުއައްސަސާތަކުގެ ކަންތައްތައް ފާރަވެރިވާ ކޮމެޓީން އަޅުގަނޑުމެން ލަފާމިދެނީ މިވެނި މުހުލަތެއްގެ ތެރޭގައި އިސްތިއުފާ ދިނުމަށް. ނުދެއްވާފިއްޔާ ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމުން. އޭގެ ފަހުގައި ތަޅުމުން ގޮތެއް ނިންމާނީ،" އެ މެންބަރު ވިދާޅުވި އެވެ.
ކޮމެޓީން ނިންމެވި ނިންމުމާ ގުޅޭ ގޮތުން ފަހުމީއަށް މިއަދު ގުޅުމުން ފޯނަށް ޖަވާބު ނުދެއްވައި "ބިޒީ" ކޮށްލެއްވުމުގެ ސަބަބުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މީގެ ކުރިން ފަހުމީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.