11 Jul 2012, 15:02
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން ސަރުކާރުން އުފައްދާފައިވާ އިންކްއަރީ ކޮމިޝަންގައި ހިމެނިވަޑައިގެންނަވާ އެކޮމިޝަނުގެ ކޯ ޗެއާ ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު ޖަސްޓިސް ސެލްވަމް މިއަދު ފުރާވަޑައިގެންފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޮމިޝަންގައި ހިމެނިވަޑައިގެންނަވާ ސިންގަޕޫރުގެ ފަނޑިޔާރު ފުރާވަޑައިގެންނެވީ އެމަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށާއި ހަފުތާ ބަންދަަށްފަހު އެނބުރި މާލެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފުރާވަޑައިގެންނެވީ ކޮމިޝަނަށް އެކަން އެންގެވުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން މަސައްކަތް މިޖުލައި މަހުގެ ނިޔަށް ނިންމާލައި އެކަމުގެ ރިޕޯޓެއް ނެރޭނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮމިޝަން އަލުން އެކުލަވާލުމަށްފަހު އެކޮމިޝަންގެ މަސްކަތްކަތް ފެށުން ލަސްވެފައިވާތީއާ ކޮމިޝަނަށް މައުލޫމާތު ދީފައިވާ ފަރާތްތަކުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހޯދަންޖެހޭ ހޯދުންތައް ހޯދުމަށްފަހު ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ރިޕޯޓް އެކުލަވައި ނުލެވޭނެ ކަމަށް ސިންގަޮޕޫރުގެ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
އިންކްއަރީ ކޮމިޝަންގެ މަސައްކަތް މިމަހުގެ ނިޔަލަށް ނުނިމިދާނެ ކަމަށް އެކޮމިޝަނުން އިޢުލާންކުރުމާ ގުޅިގެން އެމްޑީޕީން ސަރުކާރާ ދެކޮޅަށް ވަނީ ސީދާ ހަރަކާތަށް ނުކުމެފަ އެވެ.