11 Jul 2012, 14:36
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް 49.2 މިލިއަން ޑޮލަރަށް އިންޑިއާ ކުންފުންޏަކާ ސިޓީ ކައުންސިލުން ހަވާލުކުރި ޕްރޮޖެކްޓް އެހެން ބަޔަކާއި ހަވާލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމާފައިވާތީ އެކަމާއިމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓާރު މަހްމޫދު ރާޒީ މިއަދު ވިދާޅުވީ ކުނި ނައްތާލުމުގެ ޕްރޮޖެކްޓް އިންޑިއާގެ، ޓަޓްވާ ގްލޯބަލް ރީނިއުބަލް އެނާޖީއާ (ޔޫއީއީއެލްއާ) ހަވާލުކޮށް ކޮށްގެން ގެންދިއުމަށް ނިންމާފައިވަނިކޮށް އެހެން ބަޔަކާއި އަލުން އެ ޕޮރޮޖެކްޓް ހަވާލު ކުރުމަކީ އިތުރު ދުވަސްތަކެއް ހޭދަވާނެ ކަމެއް ކަމަށާއި އޭގެ ސަބަބަބުން ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ.
މިހާރު އެގްރިމެންޓް ހަދާފައިވާ ފަރާތުގެ އެގްރީމަންޓް ބާތިލް ކުރުމަކީ ވެސް ބޭރުގެ އިންވެސްޓަރުން ރާއްޖެއައުމަށް ދެކޮޅު ހަދާނެ ސަބަބެއް ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަމަކީ އެ ފަދަ އުސޫލަކުން ކުރެވެމުންދިޔަ ކަމެއްގައި އެފަރާތްތަކާ [ކުނި ނައްތާލުމުގެ ޕޮރިޖެކްޓް ހަވާލުކޮށްފައިވާ ޔޫއީއީއެލްއާ] އާ ވާހަކަ ނުދައްކާ އަލުންބަލުން މިކަން ފަށައިފި ކަމަށްވަންޏާ ވަގުތު ނަގާނެ އަދި ބޭރުގެ އިންވެސްޓަރުންނަށް އޮންނަ އިތުބާރަށް ވެސް އޭގެ އުނިކަން އަންނާނެ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ،" ރާޒީ ވިދާޅުވި އެވެ.
ރާޒީ ވިދާޅުވީ ހަރަދުތަކެއް ކޮށްގެން ނަމަވެސް ކުނި ނައްތާލުމުގެ ޕޮރޮޖެކްޓް ހިންގުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި މިހާރު ކުނިނައްތާލުމުގައި ގެންގުޅޭ އުސޫލަތައް ކޮންމެހެން ވެސް ބަދަލު ކުރަންޖެހޭ ކަމަށެވެ.
"އޭރުން އަޅުގަނޑުމެނަކަށް ނުފެންނާނެ މެހި ގިނަވާ ތަނެއް. އަޅުގަނޑުމެނަކަށް ނުފެންނާނެ ދުން ބޯވާތަނެއް. އޭރަކުން އަޅުގަނޑުމެނަކަށް ނުފެންނާނެ މި ދަންނަވާހެން އަޅުގަނޑުމެންގެ މާހައުލަށާއި ފަތުރުވެރި ކަމަށް އޭގެ ސަބަބުން ނުބައި އަސަރުތަކެއް ކުރާތަނެއް. އެހެންވީމަ އެކަން އެގޮތަށް ކުރަން ނިންމީ. ގެއްލުންވާ ވާހަކަ ދައްކާއިރު ބަލާލަން ޖެހެނީ އޭރުކުރާ ގޮތަށް ކުރީމަތޯ ގެއްލުންވަނީ. ފައިސާގެ ގޮތުން ހަރަދުވިޔަސް އާހިރުގައި އޭގެ ފައިދާ ފަހުން މާ ބޮޑުވޭ،" އެނާ ވިދާޅުވި އެވެ.
ފައިސާ ނެތިގެން ކަމަށްބުނެ ޕޮރޮޖެކްޓް ހުއްޓާލަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަލުން އެ ޕޮރޮޖެކްޓް ފެށުމަކީ ވެސް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމެއްކަމަށް ވެސް ރާޒީ ވިދާޅުވި އެވެ. އަދި އެ ޕޮރޮޖެކްޓް ހިންގުމަށް މާލޭގެ ރައްޔިތުންގެ އަތުން ފައިސާ ނެގުމަކީ ކުރެވިދާނެ ކަމެއް ވެސް ކަމަށް އެނާ ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް 49.2 މިލިއަން ޑޮލަރަށް އިންޑިއާ ކުންފުންޏަކާ ސިޓީ ކައުންސިލުން ހަވާލުކުރި ޕްރޮޖެކްޓް އެހެން ބަޔަކާ ހަވާލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފައިވަނީ ޕްރޮޖެކްޓް ކުރިއަށް ނުދާތީ ކަމަށްބުނެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިދިޔަ އަހަރުގެ މޭ މަހު ގެ ތެރޭގަ ކުނިނައްތާލުމުގެ ޕްރޮޖެކްޓް ޔޫއީއީއެލްއާ 20 އަހަރަށް ހަވާލުކުރީ އެގްރިމަންޓް ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް އަމަލީ މަސައްކަތް ފަށާ ގޮތަށެވެ. ނަމަވެސް ޕްރޮޖެކްޓް ފެށުމަށް ދީފައިވާ މުއްދަތު ދެ ފަހަރަކަށް އިތުރުކޮށްދިން ނަމަވެސް އެ ކުންފުނިން މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.