11 Jul 2012, 14:26
ރަސްމީކޮށް ޓެކްސީ ކުރަންޖެހޭ ގަޑިތައް ޓެކްސީ ގަވައިދުގައި ހިމަނައި ޓެކްސީތަކަށާއި ޓެކްސީ ސެންޓަރުތަކުން ދޭ ހިދުމަތްތައްކަށް ބޮޑެތި ބަދަލު ގެނައުމުގެ މަސައްކަތް ޓްރާންސްޕޯޓް އޮތީރިޓީން ފަށައިފި އެވެ.
މާލެ އާއި އަތޮޅުތަކުގައި ޓެކްސީ ކުރުމާއި ޓެކްސީ ސެންޓަރު ހިންގުމާބެހޭ މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބުދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ ޓެކްސީ ގަވައިދެއް ހެދުމަށް ފަހު ފަހު ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދި އެ ގަވައިދު ވަރަށް އަވަހަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
ޓެކްސީ ކުރުމާއި ސެންޓަރު ހިންގުން ހަރުދާ ކުރުމަށް ބަދަލުތަކެއް ގެނައުމާ ބެހޭ ގޮތުން ނާފިޒު ވިދާޅުވީ ޓެކްސީ ގަވާއިދުގައި އިސްކަން ދޭނީ ޓެކްސީތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމާތާއި ޓެކްސީ ތަކުގެ ފެންވަރަށް ކަމަށެވެ. އަދި ވެހިކަލްގައި ބޭނުންކުރާ އާލަތްތަކުގެ ފެންވަރަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ކޮންމެ ޓެކްސީއެއް ވެސް ޓެކްސީ ކުރުމުގައި ވަކި ގަޑިއެއް ހަމަ ކުރަން ޖެހޭ ގޮތަށް ގަވައިދުގައި ހިމަނާފައިވާނެ ކަމަށެވެ.
"ވަކި ވަގުތު ތަކެއް ޓެކްސީ ކޮށްދޭން ޖެހޭނެ ކަމަށާއި މިނިމަމް ޑްރައިވަރުން ތަކެއް ވަކި ވަގުތުތަކުގައި އުޅެންޖެހޭނެ ކަހަލަ ކަންތައް" ނާފިޒު ވިދާޅުވި އެވެ.
ޓެކްސީ ގަވާއިދު ގެޒެޓްވާއިރު ޓެކްސީ ސެންޓަރުތަކަށް ހާއްސަ ބާރުތަކެއް ލިބިގެންދާނެ ކަމަށާއި ގަވައިދުގައި ނުހިމެނުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޓެކްސީގެ ހިދުމަތްދޭ ފަރާތްތައް އެ ހިދުމަތް ދެވޭނެ ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.
މާލޭގެ ބައެއް ޓެކްސީ ސެންޓަރުތަކުގައި 50 އަށް ވުރެ ގިނަ ޓެކްސީ ކާރު އޮތް ނަމަވެސް އާންމުން ބޭނުންވާ ވަގުތު ޓެކްސީ ނުލިބޭތީ އޭގެ ސަބަބުތައް ހޯދަން އޮތޯރިޓީން ސާވޭއެއްކޮށްފައިވާ ކަމަށް ވެސް ނާފިޒު މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓެކްސީ ސެންޓަރު ތަކުގައި ބޭނުންކުރާ އަމިއްލަ މީހުންގެ ބައެއް ކާރުތަކުގައި ޓެކްސީބޯޑް ޖަހައިގެން ދުއްވާކަން ސާވޭން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް އެފަދަ ޓެކްސީތަކާ ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބާރު ސެންޓަރުތަކަށް ނޯންނަކަން ވެސް އެނގުނު ކަމަށެވެ.
"މިހާރަކަށް އައިސް ލިބޭ ޝަކުވާ އަކީ ފެންވަރު ދަށް ޓެކްސީއެއް ކަމަށް. އަނެއް ޝަކުވާ އަކީ ޓެކްސީއަށް އަރާ ފުރަތަމަ މީހާގެ އިޒުނަ ހޯދުމަކާ ނުލައި އިތުރު މީހަކު އަރުވައިގެން ޓެކްސީކުރާ މައްސަލަ. މިއީ ވަރަށް ނުރައްކާތެރި ވެސް ކަމެއް،" ނާފިޒު ވިދާޅުވި އެވެ.
ޓެކްސީތަކުގެ ގަވާއިދުގެ އިތުރުން ކުނި އުފުލުމުގައި ބޭނުންކުރާ ވެހިކަލްތަކާ ގުޅޭ ގަވާއިދެއް ކުރިއަށް ދެމަހެއްހާ ދުވަހުތެރޭ އެކުލަވައިލާނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުންޏެެވެ.