އިންގްލިޝް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ސްޕެއިންގެ ހޫލެން ލޮޕެޓެގޫ މަގާމުން ވަކިކޮށްފިއެވެ.

ވެސްޓް ހޭމްއިން ލޮޕެޓެގޫ މަގާމުން ވަކިކޮށްފައިމިވަނީ އެމަގާމާއި ހަވާލުވިތާ ހަ މަސް ފަހުންނެވެ. ކުރިން ވުލްވަހެމްޕްޓަން ވޮންޑަރާސްގެ ކޯޗު ލޮޕެޓެގޫ، ވެސްޓް ހޭމްގެ ކޯޗު ކަމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އޭރުގެ ކޯޗު ޑޭވިޑް މޮޔޭސް ދިއުމާއި ގުޅިގެންނެވެ. ނަމަވެސް އޭނާ ރަސްމީކޮށް ދާއިމީ ކޯޗެއްގެ ގޮތުގައި އެކްލަބާ ހަވާލުވެފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން ވެސްޓް ހޭމްއަށް ޕްރިމިއާ ޅިގުގައި މޮޅުވެވިފައިވަނީ ހަ މެޗެވެ. މިދިޔަ ހޮނިހިރު ދުވަހު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅެ ލީގުގައި ހަތަރު ލަނޑު އެއް ލަނޑުން ބަލިވި މެޗަކީ މި ސީޒަންގައި ލިގުގައި ކުޅުނު 20 މެޗުގެ ތެރެއިން ބަލވި ނުވަވަނަ މެޗެވެ. އަދި މިއާއެކު އެޓީމު އުޅެނީ 14 ވަނައިގައެވެ.

ވެސްޓް ހޭމް އިން ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި އެކްލަބުގެ 2024/2025 ވަނަ އަހަރުގެ ސީޒަންގެ ފުރަތަމަ ބައި ގޮސްފައިވަނީ އެކްލަބުން ބޭނުންވި ގޮތަށް ނޫން ކަމަށާއި އެހެން ކަމުން އެކަން ރަނގަޅު ކުރުމުގެ ގޮތުން ކްލަބުން ވިޔަވަޅު އެޅީކަމަށެވެ.

ލޮޕެޓެގޫ އާއެކު އޭނާގެ ބެކްރޫމް ސްޓާފުންގެ ތެރޭގައި ހިމެނޭ ޕަބްލޯ ސާންޒް، އޮސްކާ ކާރޯ، ހުއާން ވިސެންޓޭ ޕެއިނާޑޯ، ބޮހާ ޑެ އަލްބާ އަދި އެޑޫ ރުބިއޯ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ވެސްޓް ހޭމްއިން ވަނީ ލޮޕެޓެގޫ އެކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށް މުސްތަގްބަލްގާ އޭނާ އާއި އޭނާގެ ޓީމަށް ކާމިޔާބީއަށް އެދޭކަން ހާމަކޮށްފައެވެ. އަދި އާ ކޯޗެއް ހޭދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ވެސްޓް ހޭމް އިން ހާމަކުރެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ވެސްޓް ހޭމް އިން ދަނީ ކުރިން ޗެލްސީ އަށް ކޯޗު ކޮށްދިން ގްރަހަމް ޕޮޓާ އާއި އެކު މަޝްވަރާ ކުރަމުންނެވެ.

މީގެއިތުރުން ދާދިފަހުން އޭސީ މިލާންގެ ކޮޗު ކަމުން ވަކިކުރި ޕައޮލޯ ފޮންސޭކާ އާއި ޕެރިސް ސެއިންޓް ޖާމެއިންގެ ކުރީގެ ކޯޗު ކްރިސްޓިފާ ގަލްޓިއާ އާވެސް ވެސްޓް ހޭމް އިން ވާހަކަ ދައްކާފައިވާކަމަށް ޚަބަރު ލިބެއެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި ވެސްޓް ހޭމްގެ ކޯޗުގެ ގޮތުގައި ދެން ފެނުން އެންމެ ގާތީ ޕޮޓާއެވެ.