އެމްޑީޕީން ސަރުކާރާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގައި އަނިޔާވި ފުލުހަކަށް އިތުރު ފަރުވާދިނުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމައިފި އެވެ.

އިންސްޕެކްޓާ ފޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ރީފްސައިޑް ކައިރީގައި އެމްޑީޕީން އިއްޔެ މުޒާހަރާ ކުރި އިރު އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ފުލުހަކު ޒަހަމްވީ މުޒާހަރާގެ ތެރެއިން މީހަކު އެއްލި ގަލެއް މޫނުމަތީ ޖެހިގެން ކަމަށައި އެނާއަށް އައިޖީއެމްއެޗްގައި ފަރުވާދިން ނަމަވެސް އިތުރު ފަރުވާ ދިނުމަށް ސްރީލަންކާއަށް ފުރުވާލަން ހަމަޖައްސާފައިވާ ކަމަށެވެ.

"ގަލުން ޖެހުމުގެ ސަބަބުން ފުލުސް މީހާގެ ލޮލާއި ނޭފަތް ވަނީ ޒަހަމްވެފައި. އެހެންވެ އިތުރު ފަރުވާދޭން ފެންނާތީ ރާއްޖެއިން ބޭރަށް ފޮނުވަން މި މަސައްކަތްކުރަނީ. އިދާރީ ގޮތުން ނިންމަން ޖެހޭ ކަންތައް ނިންމުމަށް ފަހު ފޮނުވާލާނަން ވަރަށް އަވަހަށް،" ހަނީފު ވިދާޅުވި އެވެ.

ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި ދޭތެރެ ދޭތެރެއިން ފުލުހުންނާއި ކުރިމަތިލުންތައް ހިނގައެވެ. އަދި އެ ކުރިމަތިލުން ތަކުގައި ފުލުހުންގެ ފަރާތުން އާންމުނަށް އަނިޔާވަމުންދާއިރު އާންމުންގެ ފަރާތުން ފުލުހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ދަނީ ލިބެމުންނެވެ.

ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ފެށި މުޒާހަރާ މިހާރުވެސް ކުރިއަށް އެބަދެ އެވެ. އެމްޑީޕީން ބުނެފައިވަނީ މުޒަހަރާ ހުއްޓާލާނީ މުހާރު ސަރުކާރު ވައްޓާލާފައި ކަމަށެވެ.