08 Jan 2025, 12:00
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަށްރަށުގެ ރައްޔިތުންނާއި އެ މަނިކުފާނު ބައްދަލުކުރައްވާއިރު، ކުރީ ގޮނޑި ބަރިން އެ ރަށްރަށުގެ ޚިދުމަތްތެރިންނަށް ޖާގަދެއްވަން ރައީސް ނިންމަވައިފިއެވެ.
މީގެ ކުރިން ރައީސުން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާއިރު އެންމެ ކުރީ ސަފުގައި ތިއްބަވަނީ ދައުލަތުގެ އިސްވެރިންނާއި އެ ރަށެއްގެ މިހާރުގެ ވެރިންނެވެ.
ރައީސް އޮފީހުން ބުނީ، ކުރީ ސަފުން ޚިދުމަތްތެރިންނަށް ފުރުސަތު ދެއްވަން ރައީސް ނިންމެވީ އެ ބޭފުޅުން ރަށްރަށަށް ކޮށްދެއްވި ޚިދުމަތް އަގުވަޒަންކުރައްވަން ކަމަށެވެ. އަދި، އެ ބޭބޭފުޅުންނަކީ ރަށްރަށުގެ ތަރައްގީގެ ފަހަތުގައި ތިއްބެވި ޚިދުމަތްތެރިން ކަމަށް ރައީސް ގަބޫލުކުރައްވައި ކަމަށާއި އެހެންވެ އެ ބޭފުޅުންނާ މަޝްވަރާކުރަން ރައީސް މުއިއްޒު ބޭނުންފުޅުވަނީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަށްރަށުގެ ޚިދުމަތްތެރީން ކުރީ ސަފުގައި: ރައީސް ވަނީ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާއިރު ކުރީ ސަފުން އެ ރަށްރަށުގެ ޚިދުމަތްތެރިންނަށް ފުރުސަތުދެއްވަން ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސް
މިހާތަނަށް އެ މަނިކުފާނުގެ އަރިހުން ފެނިފައިވާ ޚިދުމަތްތެރިންގެ ތެރޭގައި:
ގދ. ފިޔޯރީން:
މުހައްމަދު ސައީދު: އޭނާ ވަނީ އެ ރަށުގެ ކަތީބުކަމާއި ސްކޫލުގެ ހެޑްމާސްޓަރުކަން ކުރައްވާފައި
- އަހުމަދު ދީދީ: އެ ރަށުގެ ކުރީގެ ކުޑަ ކަތީބު
- އަލީ ފަހުމީ: އަތޮޅުވެރިޔާގެ އެހީތެރިޔާކަން ކުރިން ކުރެއްވި ބޭފުޅެއް
ގދ. ވާދޫން
ޖަލީލް: 35 އަހަރު ވަންދެން ކެޔޮޅުކަން ކުރައްވާފައިވާ ބޭފުޅެއް
- މުހައްމަދު އަލީ: އެ ރަށުގެ ކުރީގެ ކަތީބު
- މުހައްމަދު އަލީ: 36 ވަންދެން ދިފާޢީ ބާރުގައި ޚިދުމަތްކުރެއްވި ބޭފުޅެއް
ރަތަފަންދޫ:
އަބްދުލް ރަޝީދު: އެ ރަށުގެ ވަރަށް ގިނަ ދުވަސްވީ މުދިމެއް. އަދިވެސް ގެންދަވަނީ ޚިދުމަތްކުރައްވަމުން
- އަލީ އިބްރާހިމް: ވިޔަފާރިވެރިއެއް، ރަށުގެ ގަދަރުވެރިއެއް
ރަށްރަށުގެ ޚިދުމަތްތެރިން ކުރީ ސަފުގައި: ރައީސް ވަނީ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާއިރު އެ ރަށްރަށުގެ ޚިދުމަތްތެރީންނަށް ކުރީ ސަފުން ފުރުސަތުދެއްވަން ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސް
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހުވަދުއަތޮޅު ދެކުނުބުރިން އެމަނިކުފާނު އިއްޔެ ވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީއަށް ވަޑައިގެންފައެވެ. ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.