11 Jul 2012, 12:58
ވައްކަމުގެ ކުށް ސާބިތުވެގެން އަހަރު ދުވަހަށް އަރުވާލަން މިދިއަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި މީހަކު މަގުމަތީގައި އުޅެނިކޮށް ހިފަހައްޓާ ޑީޕީއާރްއެސް އާއި ހަވާލު ކުރުމުން ވެސް ވީއްލި، އަނެއްކާވެސް މާލެތެރޭގައި އުޅެމުން އެބަ ދެ އެވެ.
ހ. އޮރިއޮންގޭގެ ދެ ވަނަ ފަންގިފިލާއަށް ވަދެ މޯބައިލް ފޯނެއް ވަގަށް ނެގުމުގެ ކުށް ސާބިތުވެ އެއް އަހަރަށް އަރުވާލަން ހުކުމްކޮށްފައިވާ ސ. މަރަދޫ، ފާހި، މުހައްމަދު ހައިސަމް އިއްޔެ އާއި މިއަދުވެސް މާލެތެރޭގައި އުޅެނިކޮށް ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓްގައި އޮތް ޝަރީއަތް އަޑުއަހަން އާދީއްތަ ދުވަހު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ވެސް ވަދެފަ އެވެ.
އެދުވަހު ކޯޓުން އޭނާ ހިފަހައްޓައި ޑީޕީއާރްއެސްއާއި ހަވާލު ވެސް ކުރި އެވެ. ނަމަވެސް އިއްޔެވެސް ހައިސަމް ވަނީ ކްރިމިނަލް ކޯޓަށް ގޮސް ކްރިމިނަލް ކޯޓްގެ ކައުންޓަރުގައި ތިބި މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރުދީފަ އެވެ.
ކޯޓުގެ މުވައްޒަފަކު ބުނީ ހައިސަމް ކޯޓަށް ގޮސް ކައުންޓަރުގައި ތިބޭ މުވައްޒަފުންނާ ދިމާއަށް "ނަޖީބަށް ހަދާލިގޮތް ހަދާލާނެ" ކަމަށް ބުނެ އޭނާ އިއްޔެ ބިރު ދައްކާ އިންޒާރުކޮށްފައިވާ ކަމަށެވެ.
ހައިސަމަކީ މުހީތުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް އަޑުއަހަން އާދަކޮށް ޝަރީއަތުގެ މަޖިލީހަށް ވަންނަ މީހެކެވެ. މުހީތުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކުރި ދުވަހަކު "ވަޅީގައި ހުރި ތޫނުކަން ދެއްކިދާނެ" ކަމަށް ބުނެ އޭނާ ވަނީ އެ ޝަރީއަތް ކަވަރުކުރަންދިޔަ ސަން އޮންލައިނާއި ހަވީރުގެ ނޫސްވެރިންނަށް އިންޒާރުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ޑީޕީއާރްއެސްގެ ޒިންމާދާރު ވެރިޔާ މައިމޫނާއި އަހުމަދާއި ގުޅުމުން އޭނާ ފޯނު ނުނަންގަވާތީ ޑީޕީއާރްއެސްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ. އަދި ހޯމް މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދެއްވާ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) ފޯނު ނުނަންގަވާތީ މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދާދިފަހުން ވިދާޅުވެފައި ވަނީ ކޯޓަކުން މީހެއްގެ މައްޗަށް ހުކެމެއް ކުރުމަށް ފަހު އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ފޮނުވައިފިނަމަ އެ ހުކުމެއް ތަންފީޒު ކުރާނެ ކަމަށެވެ.
ފޯނެއްގައި މައްސަލައިގައި ހައިސަމްގެ މައްޗަށް ހުކުމެއް ކޮށްފައިވާއިރު ވިޔަފާރިކުރަން މަސްތުވާތެކެތި އަތުގައި ބެހެއްޓުމުގެ މައްސަލައެއްގައި ވެސް ދައުލަތުން ވަނީ ހައިސަމްގެ މައްޗަށް ދައުވާކޮށްފަ އެވެ.