22 Aug 2010, 10:44
15:45
ކުރީގެ ރައީސް މައުމޫނުގެ އަބުރުފުޅަށް ހުތުރުވާފަދަ ގޮތަކަށް މިއަދު ނޫހުގައި ލިޔުމެއް ޝާއިކުރި އެ ނޫހުގެ މެނޭޖިންގް އެޑިޓަރުއަބްދުއް ލަތީފު، އެ މައްސަލައިގެ ޝަރީއަތުގައި މައުމޫނު އަރިހުން މާފަށް އެދިފައި ނުވާ ކަމަށާއި މައުމޫނު އަރިހުގައި މާފަށް އެދެން ބޭނުންނުވާ ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި މިއަދު ބުނެފި އެވެ.
މި މައްސަލައިގެ ޝަރީއަތް މިދިޔަ ހަފުތާގައި ބޭއްވުމުން ކޯޓުގައި ލަތީފު މާފަށް އެދުނެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގައި ލަތީފު ބުނެފައި ވަނީ މާފަށް ނޭދޭ ކަމަށާއި ނުވެސް އެދޭނެ ކަމަށެވެ.
ލަތީފު މިއަދު ޝަރީއަތަށް ހުށެހެޅި ބަޔާނުގައި ބުނެފައި ވަނީ އޭނާ ލިޔުނު ލިޔުމާމެދު މާފަށް އެދި ނޫހުގައި އެކަން ހާމަ ކުރުމުން ދައުވާ އަނބުރާ ގެންދާނެކަމަށް މައުމޫނުގެ ވަކީލު ވިދާޅުވި ނަމަވެސް މައުމޫނުގެ ކިބައިން މާފަށް އެދެން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ ހުކުމަކާ ހަމަށް ދިއުމަށް ކަމަށެވެ.
ލަތީފު މިއަދު ހުށަހެޅި ބަޔާނުގައި ބުނަނީ ރައީސް މައުމޫނަކީ ވެރިކަމުގައި ތެދުވެރިކަމާއެކު ކަންކަން ކުރައްވާފައިވާ ބޭފުޅެއް ނޫންކަން އޮޑިޓާޖެނެރަލް ރިޕޯޓުތަކުން ހާމަވެފައިވާ ކަމަށެވެ.
މައުމޫނުގެ ލޯޔަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ކުރީގެ ޝަރީއަތުގައި މައުމޫނުގެ ކިބައިން ލަތީފު މާފަށް އެދުނު ކަމަށާއި އެހެންނަމަވެސް މިއަދުގެ ޝަރީއަތުގައި ދައުވާ އަނބުރާ ނުގެންދިޔައީ ކޯޓުގައި އެއްބަސްވި ގޮތަށް ނޫހުގައި މާފަށް އެދިފައި ނުވާތީ ކަމަށެވެ.
"އެއާ އެކު މިއަދު ލަތީފު ކޯޓުގައި ބުނީ މާފަކަށް ނޭދޭނަމޭ،" ވަހީދު ވިދާޅުވި އެވެ.
ލަތީފު ބުނީ ކޯޓުގައި އޭނާ މައުމޫނުގެ ކިބައިން މާފަށް އެދިފައި ނުވާނެ ކަމަށާއި އެ ބަޔާނުގައި "މައުމޫނު" އެ ނަން ހިމަނާފައިވެސް ނުވާނެ ކަމަށެވެ.
މައުމޫނު ލަތީފުގެ މައްޗަށް ދައުވާކުރީ މައުމޫން ވެރިކަން ކުރެއްވިއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ ކަމަށާއި، ދައުލަތުގެ ފައިސާ ލޫޓުވާފައިވާ ކަމަށް ބުނެ، އެމަނިކުފާނު ރައީސްކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވި ގޮތާ މެދު، ދިވެހި ރައްޔިތުންގެ މެދުގައި އެމަނިކުފާނުގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް މިއަދު ނޫހުގައި ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ ކަމަށް ބުނެ އެވެ. އަދި އެ ދައުވާ ކޮށްފައި ވަނީ ރައީސް މައުމޫންގެ އިއްޒަތަށާއި އަބުރަށް ހުތުރުވާ ފަދަ ގޮތަކަށް އެފަދަ ޚަބަރެއް ލިޔެފައިވާތީ އެކަމުގެ ސަބަބުން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި މާއްދީ އަދި މައުނަމީ ބަދަލު ހޯދުމަށެވެ.