11 Jul 2012, 12:37
ސަރުކާރާއި ދެކޮޅަށް އެމްޑީޕީން އިއްޔެ އާއި ރޭގައި ކުރި މުޒަހާރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 10 މީހަކު އަދިވެސް ހައްޔަރުކޮށްފައި އެބަތިބި ކަމަށް ފުލުހުން ބުނެފި އެވެ.
އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި އިއްޔެއާ ރޭގެ ސިލްސިލާގައި ހައްޔަރު ކުރި އެންމެންނަކީ ވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހުން ކަމަށެވެ.
އިއްޔެއާ ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފަ އެވެ. މިވަގުތު ހައްޔަރުކޮށްފައި ތިބީ އޭގެ ތެރެއިން 10 މީހުންނެވެ.
އެމްޑީޕީން ސީދާ ހަރަކާތެއް ކަމަށް ބުނެ މުޒާހަރާއަށް ނުކުތީ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ބަޣާވަތްކޮށްގެން އައި ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރު ގަބޫލު ނުކުރާނެ ކަމަށް ބުނަމުންނެވެ. މި ހަރަކާތުގައި އެމްޑީޕީން މުޒާހަރާ ކުރަމުންދަނީ ޗާންދަނީ މަގުން ރީފްސައިޑް ކައިރީގަ އާއި މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އަދި އެސްޓިއޯ ޓްރޭޑް ސެންޓަރު ހިމެނޭ ސަރަހައްދުގަ އެވެ.
އެމްޑީޕީގެ މުޒާހަރާއިގެ އިއްޔެގެ ސިލްސިލާ ފެށި ގޮތަށް ހުއްޓާ ނުލައި އަދިވެސް ކުރިޔަށް އެބަގެންދެ އެވެ. އެމްޑީޕީން ބުނީ މުޒާހަރާތައް ހުއްޓާލާނީ ރައީސް ވަހީދުގެ ވެރިކަން ވައްޓާލުމަށް ފަހު ކަމަށެވެ.