11 Jul 2012, 12:03
މިއަހަރުގެ ތެރޭގައި މިހާތަނަށް 11 ބިދޭސީއަކު ރާއްޖޭގަައި އިސްލާމްވެފައިވާ ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި މިއަހަރުގެ ތެރޭ އިސްލާމް ވެފައިވަނީ ހަތް ގައުމެއްގެ 11 ބިދޭސީން ކަމަށާއި އޭގެ ތެރެގައި އަވަށްޓެރި ގައުމުތަކާއި ޔޫރަޕު ބައެއް ގައުމުތަކުގެ މީހުން ހިމެނޭ ކަމަށެވެ.
ނަމަވެސް އެއީ ކޮންގައު މަތަކެއްގެ މީހުންނެއް ކަމެއް ސްޓޭޓް މިނިސްޓަރު ވިދާޅެއްނުވެ އެވެ.
"މިއަހަރު މިހާތަނަށް ހަތް ގައުމަކުން ފަސް ފިރިހެނުންނާއި ހަ އަންހެނުން ވަނީ [ރާއްޖޭގައި] އިސްލާމްވެފައި،" ދީދީ ވިދާޅުވި އެވެ. އަލަށް އިސްލާމްވި ފަރާތްތަކަށް ދީނީ ގޮތުން ދޭންޖެހޭ އަސާސީ މައުލޫމާތު ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން ހާއްސަ ޕްރޮގްރާމްތައް ހިންގާ ކަމަށާއި "ތަހުޒީބު އަހުލާގު މުޖުތަމައު" އެ ޝިޔާރުގެ ދަށުން ވެސް ޒުވާނުންނަށް ކޮންމެ މަހަކު އެއްފަހަރު އަތޮޅުތަކުގައި ރަށްރަށުގައި ވޯކްޝޮޕް ބާއްވާ ދީނީ ދަރުސްތައް ދޭ ކަމަށެވެ. އޭގެ ހަތަރު ވޯކްޝޮޕެއް މިހާތަނަށް ވަނީ ބާއްވާފަ އެވެ.