11 Jul 2012, 11:10
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރިޝިޔާ ބިއުޓެނިސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ހަރުދަނާވެގެންދާނެކ ަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި އެކަންކަން ޙައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.
އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަންކަން ހަމައަކަށް އެޅުވުމުގައި ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ގެންގުޅުއްވާ އުސޫލުތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި އެހެން މުހިންމު ކަންކަމާ ބެހޭގޮތުން ނިންމަވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން ގެންދެވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ރަށްރަށުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުން ޢަމަލީ ގޮތުން ބައިވެރިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް އެމެރިކާ ސަފީރު ބައްލަވާލެއްވި އެވެ.