އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. ނަމަވެސް މި މެޗުގައި ޔުނައިޓެޑްގެ ފަރާތުންވެސް ވަނީ ފަހަކަށް އައިސް އެ ޓީމުގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔައެވެ.

މި މެޗުގެ ދެވަނަ ހާފު ވެގެންދިޔައީ މި ސީޒަންގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރި ގަދަ އަދި ދެ ޓީމުގެ ސަޕޯޓަރުންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ހާފަކަށެވެ. މި މެޗުގެ ލީޑު އެންމެ ފުރަތަމަ ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތް ވަނަ މިނެޓުގައި ޔުނައިޓެޑުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑާ ލިސާންޑްރޯ މާޓިނޭޒްއެވެ. ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޓިނޭޒް ލިވަޕޫލްގެ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލުމާއެކު ޔުނައިޓެޑްގެ ސަޕޯޓަރުންގެ އުފާފާޅުކުރުން ފެނިގެންދިޔައެވެ.

ޕްރިމިއާ ލީގުގެ ތާރީހްގައި އެންމެ ވާދަވެރި ދެޓީމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ލިވަޕޫލާއި ޔުނައިޓެޑްގެ މި ކުރިމަތިލުމުގައި ދެން ފެނިގެންދިޔައީ ކުޑަ ވަގުތު ކޮޅަކަށް ލިވަޕޫލް ހާސް ކަމުގެ ތެރެއަށް ވެއްޓިގެންދިޔަ ތަނެވެ. މިގޮތުން ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ލަނޑު ޖަހާނެ އިތުރު ފުރުސަތެއްވެސް ޔުނައިޓެޑަށް ލިބިގެންދިޔައެެވެ. ނަމަވެސް މިކަންވީ ވަރަށް ކުޑަ އިރުކޮޅެއްގެ ކަމަކަށެވެ.

މިގޮތުން ޔުނައިޓެޑުން ލީޑު ނެގިތާ ހަތް މިނެޓް ފަހުން ކޯޑި ގަކްޕޯ ވަނީ ޔުނައިޓެޑުން ކާމިޔާބު ކުރި ކަހަލަ ރީތި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށް މެޗުގެ ފޯރި އިތުރަށް ގަދަކޮށްފައެވެ. އަދި ދަނޑުގައި ކުޅިބެލުންތެރިންގެ އަޑުވެސް ދިޔައީ އިތުރަށް ގަދަވަމުންނެވެ.

މި މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ މުހަންމަދު ސަލާހްއެވެ. މިއީ ސަލާހް މި ފަހަރު ލީގުގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.

މި ލަނޑާއެކު މި މެޗު ލިވަޕޫލްގެ ބާރުގެ ދަށަށް ގެނެވުނު ކަމުގެ އިހްސާސް އެ ޓީމަށް ކުރެވުނު ތަނާހެއް ކަހަލަ ގޮތަކަށް ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަމަޑް ޑިއާލޯއެވެ.

މި ލަނޑާއެކު ދެން ފެނިގެންދިޔައީ މެޗު އިތުރަށް ހުޅުވި ދެ ޓީމަށް ވެސް މެޗުން މޮޅުވުމުގެ ފުރުސަތު ލިބެމުންދިޔަ ތަނެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ ދެޓީމުގެ ސަޕޯޓަރުންވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ނޭވާ ހިފަހައްޓާލައިގެން ތިބުމެވެ.

މި މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޔުނައިޓެޑްގެ ޑިފެންޑާ ހެރީ މެގުއާއަށް އެ ޓީމު މެޗުން މޮޅު ކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗު އެއްވަރު ވުމާއެކު ލިވަޕޫލް މިހާރު އުޅެނީ 46 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ޔުނައިޓެޑް އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. ނަމަވެސް މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔަ ހިތްވަރު ގަދަ ކުޅުމުގެ ސަބަބުން އެ ކްލަބްގެ ސަޕޯޓަރުންނަށް މުސްތަގްބަލާމެދު ރަނގަޅު އުންމީދު ތަކެއް ކުރެވިދާނެކަމަށް މިހާރު ވަނީ ބެލެވެން ފަށައިފައެވެ.