11 Jul 2012, 11:04
ދަންވަންދެން އޮފީހުގައި އުޅެން ޖެހުނު ރެއެކެވެ. މަސައްކަތުން އަވަދިވެގެން ރަައްޓެއްސަކާ އެކު ކޮފީއަކަށް ދިޔައިމެވެ. އޭރު މެންދަމު ދެގަޑި ބައިވަނީ އެވެ. އަހަރެމެނަށް ވަދެވުނު ކެފޭގެ މޭޒުތައް ހުރީ ފުރިފަ އެވެ. ވާރޭ ކަނިލައިލާ އޮތުމުން އެހެން ތަނަކަށް ދާކަށް ބޭނުމެއް ނުވި އެވެ. ޖާގައެއް ހުރި މޭޒުގައި ވެސް ހުރީ އެންމެ ގޮނޑި އެވެ. މުޅިތަން އޮތީ ސިގިރޭޓް ދުމުން އޮލަވެފަ އެވެ. ލަފާވާ ގޮތުން ތަނުގައި މިއުޒިކެއް ވެސް ޖަހާފައި ހުއްޓެވެ. އެކަމަކު މިއުޒިކަށް ވުރެ ބޮޑަށް ގުގުމާފައި އޮތީ އެއް މޭޒެއްގައި ތިބި ހައެއްކަ ޒުވާނުން އެހެން ބަޔަކަށް ބަލައިލުމެއް ވެސް ނެތި ކިޔަމުން ދިޔަ އަވަގުރާނަ ލަވަތަކުންނެވެ.
ވާރޭގަނޑުގެ ދަށުލައިފާނެތީ ނުކުންނަން ބޭނުން ނުވުމުން މޭޒެއްގައި ހުހަށް ހުރި ގޮނޑިއަކަށް އިޝާރާތްކޮށްފައި ގޮނޑި ނެގިޔަސް އޯކޭ ހެއްޔޭ އަހައިލީމެވެ. އަޅުގަނޑަށް ޖަވާބު ދިން ޒުވާނާ ހިތްހަމަނުޖެހިފައި ބުނީ އެ ގޮނޑީގައި އިށީންނާނެ އިތުރު މީހަކު އަންނަ ކަމަށެވެ. އަޅުގަނޑަށް ވެސް ރަހުމަތްރިޔާ ގާތުގައި ބުނެވެނީ އެ ގޮނޑީގައި އިށީނަން މީހަކު އަންނަނީ ކަމަށެވެ. އެކަމަކު އަޅުގަނޑު ރަހުމަތްތެރިޔާ ބުނީ އެ ކުދިން އެތިބީ ނިމިގެން ބިލުވެސް ދައްކައިގެން ކަމަށެވެ. ދެންމެ ދެންމެ ވާރޭ ބަންޑުން ކޮށްލާން އުޅޭ އިރު އަމުދުން އިތުރު މީހަކު އެތަނަށް ނާންނާނެ ކަމަށެވެ.
ރަހުމަތްތެރިޔާ ބުނީ ތެދެކެވެ. އޭގެ ފަސް މިނެޓް ވެސް ނުވެ އެވެ. މަލާމާތެއް ކުރާހެން އަޅުގަނޑާ ދިމާއަށް ބަލާލާފައި އެމީހުން ނުމެގެން ދިޔައީ އެވެ. އަޅުގަނޑަށް ބުނެވުނީ ކޮންކަހަލަ ބައެއް ހެއްޔޭ އެވެ؟ ރަހުމަތްތެރިޔާ ބުނީ އެއީ ގައުމުގެ ނޯޖަވާނުން ކަމަށެވެ. އެކަމަކު އެ ލަޒުފުގެ "ނޯ" ބާއްވަން ޖެހޭނީ އިނގިރޭސި ބަހުގެ "ނޯ"ގެ ގޮތުގައި ކަމަށެވެ.
އެހެން މޭޒުތަކަށް ބަލައިލެވުނީ ދެނެވެ. ހުސް "ނޯ" ޖަވާނުންނެވެ. އެއިން މީހެއްގެ ސިފަ އަޅުގަނޑު ކިޔައިދޭންޖެހޭ ވަރަށް ވުރެ އެ ސިފައަށް ދިވެހިން ފަރިތަވާނެ އެވެ. އެއިން މީހެގެ ހަގީ ސޫރަ ފެނިގެންދަނީ ހަތަރުދަމު ކެފޭއެއްގެ މެންދަންގަޑީގައި ވަދެވުނީމަ އެވެ. އެކަމަކު އެއީ ގައުމާއިގެން ކުރިއަށް ދާންތިބި ނޯޖަވާނުންނޯލަ އެވެ.
އަޅުގަނޑަކީ ވެސް "ކޮފީގެ ޒުވާނެއް"ތޯ ބިދޭސީ ރަހުމަތްތެރިއަކު އެއް ދުވަހަކު އެހި އެވެ. އަޅުގަނޑަށް ބުނެވުނީ ނޫނެކޭ އެވެ. އެކަމަކު އެކަމާ އޭނާ ހައިރާންވި އެވެ. ދަންވަރު ކެފޭއަކަށް ވަދެ ފަތިސް ވަންދެން ނޫނީ އިރުއަރަންދެން ކޮފީ ނުބޯ ނަމަ އެއީ ދިވެހި ޒުވާނަކަށް ނުވާ ކަމަށް އެނގިފައި އޮންނަ ކަމަށް އޭނާ ބުނެދިނެވެ. އޭނާ ބުނި ގޮތުގައި ކެފޭތަކުގައި ރޭގަނޑު ދަންވަރު ވަގުތު ދުއްވާލާއި ހިދުމަތް ހޯދާ މީހުންނަށް ދުއްތުރާ ނުކުރާނަމަ ދިވެހި ޒުވާނަކަށްނުވާނެ އެވެ. ދިވެހި ޒުވާނުން ބުނެ ދިނުމަށް އޭނާ ވަރަށް ގިނަ ސިފަ ކިޔައި ދިނެވެ. އަހަރެންގެ ގައުމުގެ ނޯޖަވާނުންގެ ސިފައަށް އޭނާ މާމޮޅެވެ.
ޒުވާނުންގެ ރަހުމަތް ތެރިޔަކީ ބާރުގަދަ ޑްރަގް ނޫނީ ކޮންމެވެސް ޒާތެއްގެ ބިޑި އެކެވެ. ހާއްސަ ދާއިރާއަކީ ޝޮޕްލިފްޓް ކުރުމެވެ. ޝަހުސިއްޔަތު ދައްކަނީ ހަމަބުއްދިން ނެއްޓިފައި ހުރުގެނެވެ. ގާތް އެކުވެރިއަކީ ބަދިގޭގައި އޮންނަ އެންމެ ބިޔަ މަސްވަޅިއެވެ. ފެޝަނަކީ ވަޅިން މީހުންނަށް ބިރު ދެއްކުމެވެ. ގަޓު ހުރުމަކީ ވަޅި މީހެއްގެ ގަޔަށް ހަރާލަން ކެރުމެވެ. އާދައަކީ ދުވާލު ނިދުމެވެ. އުސޫލަކީ ވަޒީފާޔަކަށް ދާނަމަ ގަޑިއަށް ނުދިއުމެވެ. އެއީ ދިވެހި ނޯޖަވާނުންނެވެ.
ދިވެހި އާބާދީގެ އަހުރާމްގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޒުވާނުންނެވެ. އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިސާބުތައް ބުނެދޭ ގޮތުން ރާއްޖޭގައި ވަޒީފާއަށްދާ އުމުރުގެ 25 ޕަސެންޓް ޒުވާނުންގެ އުޅެނީ ވަޒީފާއެއް ނެތި އެވެ. އޭގެ ހަގީގަތަކީ ޒުވާނުންގެ ވެށި މުޅިން ހަލާކުވެ ފުށުން ޖެހިފައިވުމެވެ. އޭގައި ކޮންމެ ބަޔަކު އިހުމާލުވިޔޭ ބުންޏަސް އެއީ ގައުމުގެ ނޯޖަވާނުންނެވެ.
މައްސަލައަކީ ރަނގަޅު ތަރުބިއްޔަތާއި ތައުމީލެއް ނުދެވުމެވެ. ހެޔޮމަގަށް ތަރުބިއްޔަތުވާނެ ވެއްޓެއް ނެތުމެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭ ކިތަންމެ ބަޔަކު އެބަތިއްބެވެ. އެއީ މައިންބަފައިން ކަމަށް ވިޔަސް ވެރިން ވިޔަސް މަދަރުސާތައް ވިޔަސް ވެހެވެ. ހެވާއި ނުބައި ވަކި ކުރުމަކީ ތިމާގެ އަމިއްލަ ނަފުސަށް ވެސް އޮތް ޒިންމާއެކެވެ. ގައުމުގެ ނޯޖަވާނުންވީމަ އެވެ.
ގައުމުގެ ހަޔާތަށް އިރުއަރާ ކިތަންމެ ދުވަހަކު ގައުމުގެ ނޯޖަވާނުންގެ ހަޔާތަށް އިރު ނާރައި "ކޫލް"ވުމުގެ ނަތީޖާއަކީ "ކޫލް" ގައުމެއް އުފެދުމެވެ. އެހެންވަނީ ގައުމުގެ ނޯޖަވާނުން "ނޯ" ޖަވާނުންނަށް ވީމަ އެވެ.