ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ބައެއް ކުދިން ފޮރުވައިގެން އެކުދިންގެ މައިންބަފައިން ގެންގުޅޭ ކަމަށާއި އޭގެ ސަބަބުން އެފަދަ ކުދިންނަށް ނިކަމެތިކަން ކުރިމަތިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުނެތެރިކަން ހުނަނަ މީހުނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑްދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ބޮޑެތިވެފައި ތިބޭ ކުދިން ގޭގައި ގެންގުޅެނީ މައިންބައިފައިންގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރުން މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން އެފަދަ މީހުނަށް ދިމާވަމުންދާ ނިކަމެތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަަށެވެ.

"ވަރަށް ބޮޑެތިވެފަ ތިބޭ ކުދިން ފޮރުވައިގެން އެބަގެންގުޅޭ މައިންބައިންނަށް އެމީހުންގެ ކެރިފޯރުންތެރިކަން ހުންނަ ވަރުން ގޭތެރޭގައި ގިނަފަހަރަށް ގެންގުޅެން މަޖުބޫރުވެފައި މި އޮންނަނީ. އެހެންވީމާ ބައެއް ފަހަރަށް ކުދިންނަށް ނިކަމެތިކަން ދިމާވަމުން އެބަދޭ. ލާމަރުކަޒީ އެކިއެކި މުއައްސަސާތަކުން ވެސް މިކަމުގައި އެހީތެރިވާން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުއަކީ އޯގާތެރި އަދުލުވެރި މުޖުތަމައުއަކަށް ހެދޭނީ އެންމެން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަޅާލުން އިތުރުކޮށް މުޖުތަމައުއަކީ ނުކުޅެދުން ތެރިކަން ހުރި މީހުންނާއި ރައްޓެހި މުޖުތަމައުއަކަށް ހަދައިގެން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި މީހުންގެ ކަންކަން ރަނގަޅަށް ބަލަހައްޓައި ހެދުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ލާޒިމްކުރާ ގަވާއިދުތައް ހަދަން ޖެހިފައިވާކަން ފާހަގަ ކުރައްވަމުން އެ ގަވާއިދުތައް ހެދުމަށް ދައުލަތުގެ އެކި އެކި މުއައްސަސާތަކަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަލަށް އުފެއްދި ޖެންޑާ އެންޑް ހިޔުމަންރައިޓްސް މިނިސްޓްރީގައި ޑިސްއެބިލިޓީއާ ބެހޭ ޔުނިޓެއް ވެސް މިހާރު ގާއިމް ކުރެވިފައިވާ ކަމަށާއި ގާނޫނުން އުފައްދާފައިވާ ޑިސްއެބިލިޓީ ކައުންސިލްގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާވެ ހަލުވިކަމާ އެކީ ކުރިއަށް ގެންދަން ޖެހިފައިވާކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވަހީދު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދޭ ޚާއްސަ އެ ވޯޑުތައް ވެސް ހަވާލުކޮށްދެއްވާފަ އެވެ.

ނުކުޅެދުންތެރިކަން ހުރި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ އެވޯޑު ހާސިލްކޮށްފަ އެވެ.
އެވޯޑު ހާސިލްކުރި މ. ސްޓެއްލާ، އާމިނަތު ޝިދުނާ އަކީ އަޑުއިބުމާއި ވާހަ ކަދެއްކުމުން މަހުރޫމް ވެފައި ވިޔަސް ކެއާ ސޮސައިޓީގެ ސެކްރެޓަރީ ގެ މަގާމް އަދާކުރާތާ 11 އަހަރު ވެފައިވާ މީހެކެވެ.

ދެވަނަ އަށް އެ ވޯޑު ހާސިލް ކުރީ ލ. ގަން ތުނޑި، ތައުފީގު އަހުމަދަކީ ވާހަކަ ލިޔުންތެރި އެއްގެ އިތުރުން ލަވަ ހައްދަވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ވިޔަފާރިކުރާ މީހެކެވެ. ތިންވަނަ އަށް އެ ވޯޑު ހާސިލްކުރި މއ. ޗަނބޭލީމާގޭ، ހާމިދު ނަޝީދު މުހައްމަދަނީ ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ސެމިނާތަކުގައި ބައިވެރިވެފައިވާ މީހެކެވެ.

ހަތަރު ވަނައަށް އެވޯޑު ލިބުނީ ވިލިމާލެއަށް އުފަން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މުހައްމަދު މާޒިން އަށެވެ. އޭނާއަކީ ފުޓުބޯޅަ ޓީމެއްގެ މެނޭޖަރެކެވެ. އަދި ޖަމްއިއްޔާއެއްގެ ރައީސްކަން ކުރަމުންދާ މީހެކެވެ.

އެވޯޑު ލިބުނު ފެނުމުގެ ހިއްސުން މަހުރޫމްވެފައި ވިޔަސް މިސްކިތެއްގެ އިމާމުކަން ކުރައްވާ އަދި ކުދިންނަށް ގުރުއާން ކިޔަވައިދޭ މީހެއްކަމަށްވާ ލ. ފޮނަދޫ އަބްދުލް ކަރީމް އަބްދުﷲ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާއިން އެ ވޯޑު ހާސިލްކޮށްފައި ވަނީ ކެއާ ސޮސައިޓީގެ ޑިރެކްޓާ ޝިދާތާ ޝަރީފް އާއި ހ. ތްރީލައިޓް ފާތިމަގތު އާފިޔާ އަދި ގ. ބެލުގޭ ޝަހީޒް އަބްދުﷲ އެވެ.

ޖަމްއިއްޔާތަކުގެ ބައިން އެ ވޯޑު ހާސިލް ކުރީ ކެއާ ސޮސައިޓީ އެވެ.

ފަންނީގޮތުން ނުކުޅެދުންތެރިކަމުގެ ދާއިރާއަށް އެހީތެރިވި ކުރީ މއ. ވައިޓްކޯނާ، ފަރުޒާނާ ޝައުގީ ވެސް ވަނީ އެވޯޑު ހާސިލުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ފައިސާގެ އެހީ ފޯރުކޮށްދީފައިވާތީ ހެޕީމާކެޓުން ވެސް ވަނީ އެ ވޯޑު ހާސިލުކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތަކުން ރާއްޖެއަށް ރީތިނަން ހޯދައިދީފައިވާ ކުޑަ އަންހެން ކުއްޖެއްކަމަށްވާ ދީނާ އަބްދުލް ހަމީދު ވެސް ވަނީ އެވޯޑު ހާސިލްކޮށްފައެވެ.