ކަރަކާސް (ޖުލައި 11): ފާއިތުވި ދެ އަހަރު ތެރޭގައި ކުރިމަތިވެ ވަޑައިގެންނެވި ކެންސަރުގެ އާލާސްކަންފުޅުން މުޅިން ފަސޭހަވެ ވަޑައިގެންފި ކަމަށާއި އަންނަ އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް ވިދާޅުވެއްޖެވެ.

އުމުރުން 57 އަހަރުގެ ޗާވޭޒް ވިދާޅުވީ މިއިންތިޚާބުގައި ވާދަކުރައްވާ އޭނާގެ ވާދަވެރިޔާ ހެންރިކް ކެބްރިލިސް ބަލިކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމުގަ އެވެ. ޚިޔާލުހޯދުމުގެ ސަވޭތަކުގެ ނަތީޖާތައް ދައްކާގޮތުން ގިނަ ބައެއްގެ ތާއީދުއޮތީ ޗަވޭޒަށެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ވެނެޒުއެލާގެ ވެރިކަން ކުރައްވަނީ ޗާވޭޒެވެ.

ފާއިތުވި ރިޔާސީ ތިން އިންތިޚާބު ވެސް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ޗާވޭޒް ކާމިޔާބު ކުރައްވާފައިވާ އިރު އެޤައުމުގެ އިދިކޮޅު ލީޑަރުން ވަނީ ޗާވޭޒާ ފައިހަމަކުރެއްވުމުގައި ނާކާމިޔާބުވެވަޑައިގެންފަ އެވެ. ޗާވޭޒްގެ ވެރިކަމުގައި ވެނެޒުއެލާއަށް ފާހަގަކޮށްލެވޭ މިންވަރަކަށް ތަރައްޤީ ލިބި ފަގީރުންގެ ޙާލަތު ރަނގަނޅުވެފައިވެ އެވެ. ނަމަވެސް ޗާވޭޒް މިހާރު ވެރިކަންކުރައްވާ ދައުރުގައި ޤައުމުގައި ފަގީރުކަން އަލުން އިތުރުވެ ޖަރީމާތައް ގިނަވެ ވަޒީފާނެތް މީހުންގެ ނިސްބަތް މައްޗަށް ދާންފަށާފައިވުމުން އޭނާގެ މަޤްބޫލުކަން ކުރިޔަށް ވުރެ ދަށަށްގޮސްފައިވެ އެވެ.

ޗާވޭޒްގެ ވާދަވެރިޔާ އަދި އިދިކޮޅު ލީޑަރު ހެންރިކް ކެބްރިލިސް ވަނީ ވެނެޒުއެލާ އިން ފަގީރުކަން ކުޑަކޮށް ޖަރީމާތައް މަދުކޮށް ވަޒީފާނެތް މީހުންގެ ނިސްބަތް ކުޑަކުރުމުގެ އިތުރުން ތަރައްޤީގެ ދުވެލި މިހާރަށް ވުރެ ހަލުއި ކުރުމުގެ ވަރަށް ޚާއްސަ މެނިފެސްޓޯއެއް ރައްޔިތުންނަށް ހުށަހަޅާފަ އެވެ. ވާތުފިޔައިގެ ޤައުމީ ފުކުރެއް ގެންގުޅުއްވާ ޗާވޭޒް ކެންސަރަށް ފަރުވާ ހޯއްދެވީ އަވަށްޓެރި ކިޔުބާ އިންނެވެ. (އަލްޖަޒީރާ)