05 Jan 2025, 13:25
އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.
ޗެލްސީއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްފި މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ ޗެލްސީއެވެ. މިގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޗެލްސީއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތެެއްގައި ކޯލް ޕާމާއެވެ. މިއީ އޭނާ މިސީޒަންގައި ލީގުގައި ކާމިޔާބު ކުރި 13 ވަނަ ލަނޑެވެ.
މި ލަނޑުގެ އިތުރުންވެސް ޗެލްސީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ އުފެއްދި ހަމަލާތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތެއް ނުވިއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޕެލަސް ފެނިގެންދިޔައީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުޅުމުގެ ތެރެއަށް ވަދެ މެޗުން ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މި ގޮތުން ދެވަނަ ހާފުގެ ކުރީކޮޅު އެބެރެޗީ އެޒޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައެވެ. މިއާއެކުވެސް ޗެލްސީގެ ނިކަލަސް ޖެކްސަން، ޕެޑްރޯ ނެޓޯ އަދި އެންޒޯ ފެނާންޑޭޒްއަށް ޗެލްސީގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެގެންދިޔައެވެ.
ނަމަވެސް ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ޕެލަސްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯން ފިލީޕޭ މަޓޭޓާއެވެ.
މި މެޗު އެއްވަރު ވުމާއެކު ޗެލްސީ މިހާރު އުޅެނީ ކުޅުނު 20 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ޕެލަސް އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. މި މުބާރާތުގައި އެސްޓަން ވިލާ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވިލާއެވެ. މި މެޗުގައި ވިލާގެ ދަނޑު ރޮސް ބާކްލީ އާއި ލެއޮން ބެއިލީ ކާމިޔާބު ކޮށްދިންއިރު ލެސްޓާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސްޓެފީ މަވިޑިޑީއެވެ. މި ކާމިޔާބީއާއެކު ވިލާ މިހާރު އުޅެނީ 32 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ލެސްޓާ އުޅެނީ 14 ޕޮއިންޓާއެކު 19 ވަނައިގައެވެ.
މީގެ އިތުރުން ނިއުކާސްލް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ރަށުން ބޭރުގައި ކާމިޔާބުކުރީ ނިއުކާސްލްއެވެ. މި މެޗުގެ ލީޑު ހަތަރު ވަނަ މިނެޓުގައި ސްޕާސްގެ ޑޮމިނިކް ސޮލާންކީ އެ ޓީމަށް ލީޑު ނަގައިދިންއިރު އެންތަނީ ގޯޑަން ވަނީ އޭގެ ދެ މިނެޓް ފަހުން ނިއުކާސްލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުން ނިއުކާސްލް މޮޅުވި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ އިސާކްއެވެ. މިއީ އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.
މި ކާމިޔާބީއާއެކު ނިއުކާސްލް މިހާރު އުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސްޕާސް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.