އެމްޑީޕީއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު އޭރުގެ ރައީސް މައުމޫނު ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް މުޒާހަރާކޮށް ސަރުކާރަށް ޕްރެޝަރު ކުރުވައިގެން ކާމިޔާބުތަކެއް ހޯދި ޕާޓީއެކެވެ. އެމްޑީޕިއަކީ އެޕާޓީގެ ވެރިކަމުގެ ތިން އަހަރު ވެސް އެޕާޓީން ބޭނުންވާ ކަންކަމުގައި އެމްޑީޕީގެ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގައި ކުރަމުން ގެންދިޔަ ކަންކަމާ ގުޅޭ ގޮތުން މުޒާހަރާ ކުރި ބައެކެވެ. ހާއްސަކޮށް އަދުލު އިންސާފުގެ ދާއިރާ ހަމައިން ނައްޓާފައިވާ ކަމަށް ބުނެ އިންސާފުގެ ދަތުރުގެ ނަމުގައި މުޒާހަރާތަކާއި އެއްވުންތައް ގިނަ ކުރި އެވެ. ގޮސް އެމްޑީޕީގެ ވެރިކަން ނިމުނީ ވެސް އެ ޕާޓީގެ ސަރުކާރާ ދެކޮޅަށް ނުކުތް ބަޔަކާ މީހުންނާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށެވެ.

ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ފެބުރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން ސީދާ ހަރަކާތަށް ނުކުތެވެ. އެ ދުވަހު ކުރި މުޒާހަރާތަކުގެ ސަބަބުން މީހުންނަށާއި އެކި ރަށްރަށުގެ ތަންތަނަށް ބޮޑެތި ގެއްލުން ލިބުނެވެ. އޭގެ ފަހުންން ވެސް އެމްޑީޕީގެ މުޒާހަރާތައް އޮވެ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެމްޑީޕީން ކުރިޔަށް ގެންދަނީ ސީދާ ހަރަކާތެކެވެ.

އެމްޑީޕީން ކުއްލިއަކަށް މުޒާހަރާއަށް ނުކުމެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

އެމްޑީޕީގެ އެކި ބޭފުޅުންނާއި ކޮމެޓީތަކުންދޭ އިންޓަވިއްތަކަށް ބަލާއިރު އެމްޑީޕީގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައި ވަނީ ސީދާ ހަރަކާތަށް ނުކުތީ އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މި މަހުގެ ތެރެގައި ނުނިމިދާނެ ކަމަށް އެކޮމިޝަނުން އިއުލާނުކުރުމާ ގުޅިގެން ކަމަށެވެ.

އެމްޑީޕީން އެހެން ބުނާއިރު ނޭޝަނަލް އިންކްއަރީ ކޮމިޝަން އެކުލަވާލައި އަލުން މަސައްކަތަ ފަށާފައި ވަނީ ސަރުކާރާއި ކޮމަންވެލްތާއި އެމްޑީޕީ ވެސް އެއްބަސްވާ ގޮތަށެވެ. މީގެ އިތުރުން ކޮމިޝަނުގެ މަސައްކަތްތައް ކޮންމެ ގޮތަކަށް ނިމިގެން ދިޔަނަމަވެސް ނެރޭ ރިޕޯޓެއް ގަބޫލު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ކޮމިޝަނުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މެންބަރަކު ހިމެނިވަޑައި ގަތުމަކީ ކޮމިޝަނަށް އެމްޑީޕީން އިތުބާރު އޮންނާނެ ކަމެއް ވެސް މެއެވެ. އެހެންކަމުން ކޮމިޝަނުގެ މަސައްކަތްތަށް ހުރަސް އެޅުމުގެ ގޮތުން ކުރާ މުޒާހަރާއެއް އަދި އެއްވެސް އިހުތިޖާޖަކީ މިވަގުތަށް ބަލައިގަންނަން ފަސޭހަ ހަރަކާތެއް ނޫނެވެ.

ދެން އެމްޑީޕީން ބުނަނީ ފަށާފައިވާ ސީދާ ހަރަކާތް ހުއްޓާލާނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވައްޓާލުމަށް ފަހު ކަމަށެވެ. ހަމައެއާ އެކު އެމްޑީޕީގެ ސީދާ ހަރަކާތަކީ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ސުލްހަވެރި މުޒާހަރާއެކޭ ވެސް ބުނެ އެވެ.

އެމްޑީޕީގެ ކުއްލި ހަރަކާތާ ބެހޭ ގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އެއީ ޖެއްސުން ކުރުމުގެ ހަރަކާތެއް ގޮތަށެވެ. ސަރުކާރުން ދެކޭ ގޮތުގައި އެމްޑީޕީ ސީދާ ހަރަކާތަށް ނުކުމެ، އެ ހަރަކާތްތައް ހުއްޓާލާނީ ސަރުކާރު ވައްޓާލާފައި ކަމަށް ބުނަން ޖެހޭ ސަބަބެއް ނެތެވެ. އަދި ސަރުކާރު ވައްޓާލަން އެމްޑީޕީ ނުކުންނަން ޖެހޭ ސަބަބެއް ވެސް ނެތްކަމަށެވެ.

ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީން ސީދާ ހަރަކާތް ހިންގަން މަގުތަކަށް މީހުން ނެރުނީ އިންކްއަރީ ކޮމިޝަނުގެ މަސައްކަތަށް ހުރަސް އަޅާށެވެ.

"ގޮތް ހުސްވެގެން، ވެރިކަމަށް ވަޑައިގަތުމުގެ އުއްމީދުތައް ކުޑަވެގެން އިންކްއަރީ ކޮމިޝަނުގެ ނަތީޖާ ނުކުންނާނެ ގޮތް ސާފުވެ ވަޑައިގެން ޔަގީން ވެވަޑައިގަތީމާ އެ މަސައްކަތް ކުރިޔަ ނުދެއްވުމަށްޓަކައި މިއުޅުއްވަނީ އިތުރު ޖިނާއީ ކުށްތަކަށް އަރައިގަނެ ކުށުގެ ވެއްޓެއް އުފައްދާ ޒުވާނުން އެކަމުގައި ޖައްސަން. އެހެންވީމަ ދިވެހި ޒުވާނުން މިކަމުގައި ބައިވެރި ނުވުމަށް ގޮވާލަން،" އައްބާސް ވިދާޅުވި އެވެ.

މިހާރު ސަރުކާރާ ގުޅިފައިވާ ފަރާތްތައް އިދިކޮޅުގައި ތިބި އިރު 23 ޑިސެމްބަރުގެ މުޒާހަރާ ކުރިއިރު އެ މުޒާހަރާ ކުރަން ޖެހޭ ސަބަބުތަކެއް ދެއްކި އެވެ. އައްޑޫގައި ބުދު ބެހެއްޓުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް މަސައްކަތް ކުރުމާއި އިޒްރޭލާ ގުޅުން އުފައްދައި ދިވެހިންގެ އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލުމަށް ރޭވުމާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ކޯޓުތަކުގެ ހުކުމަށް ގޮންޖަހާ ސިޔާސީ ވެރިން ހައްޔަރުކޮށް ކޮރަޕްޝަންގެ މުޑުދާރު އަމަލުތައް ހިންގުމަށް ފުރުޞަތުދީ ދިވެހިންގެ ހަރުމުދާތައް ވިއްކާލުމަށް މަސައްކަތް ކުރުން ކަމަށް ބުނާ ލިސްޓެއް އޭރު ގެންގުޅުނެވެ.

މީގެ އިތުރަށް 22 ރޭވަންދެން އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރަކުރީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެން އޭނާ މިނިވަން ކުރުމަށާއި ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި މެދުކަނޑާނުލައި ދެމަހަށް ވުރެ ގިނަ ދުވަހު ކުރަމުން ގެންދިޔަ މުޒާހަރާތަކުގައި ދެއްކި ވާހަކަތަކުގައި މައިގަނޑަކަށް ވެފައި އޮތީ ރައީސް ވަހީދުގެ ވެރިކަން ވައްޓާލުމުގެ ވާހަކަތަކެވެ. އެއިން އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ޕްރެޝަރު ކުރިމަތިކޮށްގެން އަވަސް އިންތިހާބެއް ބާއްވާނެ ކަމަށް ބުނެ ކުރަމުން ދިޔަ މުޒަހަރާ ރާޅުގަނޑު ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ވެސް އެމްޑީޕީއަށް އެކަން ހާސިލެއް ނުކުރެވުނެވެ. އޭގެ ފަހުން އުސްފަސްގަނޑުގައި ކޭމްޕްޖަހައިގެން ވެސް ކުރީ މުޒާހަރާ އެވެ. ދެން ފެނުނީ ކުއްލިއަކަށް ސީދާ ހަރަކާތަށް ނުކުތްތަނެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެމްޑީޕީން ސީދާ ހަރަކާތަށް ނުކުތީ ސަރުކާރު ވައްޓާލާށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ނުވެއްޓެނީސް އެމްޑީޕިގެ މެންބަރުންގެ އިހުތިޖާޖުތައް ހުއްޓައެއް ނުލާނެ އެވެ. ވާރެއާއި އަތްވަށް ބެލުމެއްނެތި ސީދާ ހަރަކާތްތަށް ކުރިއަށް ގެންދާނެ އެވެ. އެމްޑީޕީގެ މައިގަނޑު ވާހަކައަކީ އޮތީ ސަރުކާރު ވެއްޓުމެވެ. ނޫނީ އަވަސް އިންތިހާބަކަށް އެއްބަސްވުމެވެ.

އެމްޑީޕީ ސީދާ ހަރަކާތަށް ނުކުތް އިރު އިންކުއަރީ ކޮމިޝަންގެ މަސައްކަތް ފުރިހަމަވެފައެއް ނުވެއެވެ. ހަމަނުޖެހުންތައް ފިނިކުރަން ފެށި މަޝްވަރާތަކުން އެމްޑީޕީ ވަކިވި ކަމެއް އިއުލާނެއް ނުކުރެ އެވެ.

ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީން ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ފެށީ އެއްވެސް ޓާގެޓެއް ނެތި އެވެ. އެގޮތަށް މުޒާހަރާކޮށް ސިޔާސީ ހަލަބޮލިކަން ދަންމާލާ ނަމަ ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ވުން ނޫން ކަމެއް ނުވާނެ އެވެ.

"ރިޔާސީ އިންތިހާބަށް ދެންނެތް މާގިނަ ދުވަސްތަކެއް. ރަނގަޅަށް ކެމްޕެއިންން ޖައްސައިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކޮންމެ ކެންޑިޑޭޓަކު ވެސް މަސައްކަތްކުރަންވީ. އަދި މިއޮތް ކުޑަދުވަސްކޮޅު ތެރޭގައި އަނެއްކާ ގައުމު ހަލަބޮލިކޮށްލުމުން އެކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު އައްބާސް ވިދާޅުވި ގޮތުގައި އެމްޑީޕީ މަގުމައްޗަށް ނުކުތީ މާޔޫސްވެގެނެވެ. ކޮމިޝަނުގެ ރިޕޯޓް ނިމިގެންދާނެ ގޮތުގެ ތަސައްވަރެއް ކުރިޔަށް ލިބިވަޑައިގެންނެވެ. ނަޝީދުގެ މަސައްކަތް ކާމިޔާބު ނުވެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުވެ ވަޑައި ނުގަންނަވާނެކަން އެނގިވަޑައިގަތުމުންނެވެ. ރާއްޖެ ހަލަބޮލިކޮށް ޒުވާނުންގެ ތެރެއިން އެތައް ބަޔަކު ޖިނާއީ ކުށުގެ ތެރެއަށް ގެންދާށެވެ.