މޮސްކޯ (ޖުލައި 11): ސޫރިޔާގެ މިހާރުގެ ޙާލަތު އޮތްގޮތުން އެ ޤައުމަށް އިތުރު ހަތިޔާރު ފޯރުކޮށް ނުދޭނެ ކަމަށް ރަޝިޔާ އިން އަނެއްކާ ވެސް ބުނެފި އެވެ.

ސޫރިޔާ އަށް ވިއްކުމަށް ރަޝިޔާ އިން އެއްބަސްވެފައިވާ ޢަސްކަރީ ޒަމާނީ މަތިންދާބޯޓު ކަމަށްވާ "ޔަކް 130" މަރުކާގެ 40 މަތިންދާބޯޓު ސޫރިޔާ ސަރުކާރާ ޙަވާލުނުކުރާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެފައި ވަނިކޮށް މިކަން ކަށަވަރުކޮށްދެއްވަމުން ރަޝިޔާގެ ޢަސްކަރީ އެއްބާރުލުމާ ބެހޭ އިދާރާގެ ވެރިޔާގެ ނައިބު ވިޔާޗީސްލާފް ގިރްކާލެން ވިދާޅުވީ ސޫރިޔާގެ މައްސަލަ އަށް ހައްލެއް އަންނަންދެން އެ ޤައުމަށް އިތުރު ހަތިޔާރުތައް ނުވިއްކުމަށް ރަޝިޔާ ނިންމާފައިވާ ކަމުގަ އެވެ.

ރަޝިޔާގެ މިނިންމުމަށް މަރްޙަބާ ވިދާޅުވެ އެމެރިކާ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ރަޝިޔާގެ ހަތިޔާރުގެ އިންޑަސްޓްރީގެ އިސް ބޭފުޅެއްކަމަށްވާ އެލެގްޒެންޑާ ވުމިން އޭގެ ފަހުން ވިދާޅުވީ ސޫރިޔާއަކީ ރަޝިޔާގެ ޒަމާނީ ރަޙްމަތްތެރިއެއް ކަމަށާއި ކުރިން ސޫރިޔާއާ އެކު ސޮއިކޮށްފައިވާ ހަތިޔާރުގެ ޝިޕްމަންޓްތައް އެޤައުމަށް ފޯރުކޮށްދޭނެ ކަމުގަ އެވެ. ސޫރިޔާގައި މިހާރު ހިނަގމުންދާ ހަމަނުޖެހުންތަކާ ގުޅިން ހަތިޔާރުގެ އިތުރު ޝިޕްމަންޓްތަކުގައި ސޫރިޔާއާ އެކު ސޮއިކުރުން ރަޝިޔާ އިން މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އިން ހަތިޔާރު ގަތުމަށް ޓަކައި ސޫރިޔާ އިން ހަތަރު ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކުގައި މިދިޔަ އަހަރު ސޮއިކޮށްފައިވާ އިރު މިއެއްބަސްވުންތަކުގައި ރަޝިޔާ ވަނީ މިއަހަރު މިތަކެތި ސޫރިޔާ އަށް ފޯރުކޮށްދިނުމަށް ވަޢްދުވެފަ އެވެ. މިއެއްބަސްވުންތަކުގައި ހިމެނޭ ހަތިޔާރުގެ ތެރޭގައި ޒަމާނީ ޢަސްކަރީ މަތިންދާބޯޓުތަކާއި ކަނޑުގެ މަނަވަރުތަކާއި ރޮކެޓާއި އެ ނޫން ވެސް ބަރުހަތިޔާރުގެ އިތުރުން ލުއިހަތިޔާރު ވެސް ހިމެނެ އެވެ. ވައިޓް ހައުސްގެ ތަރްޖަމާނާ އީރީން ބިލްޓަން ވަނީ ސޫރިޔާ އަށް އެއްވެސް ގޮތަކަށް ހަތިޔާރު ފޯރުކޮށް ނުދިނުމަށް ރަޝިޔާ ސަރުކާރަށް ގޮވާލައްވާފަ އެވެ.

އެމެރިކާ އިން ސޫރިޔާ އަށް ހަތިޔާރު ފޯރުކޮށްނުދިނުމަށް ގޮވާލާ އިރު ސޫރިޔާ ސަރުކާރާދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެ އެވެ. (ނޫސްއެޖެންސީތައް)