15:15


އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ރާއްޖެ ބައިވެރިވުމުގެ މަޝްވަރާތައް ކުރުމަށް ވަޒީރުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.


ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިރުޝާދާ އަބްދުއްސައްތާރު ސަންއެފްއެމް އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ބައިވެރިވުމަށް ކުރަން ޖެހޭ މަޝްވަރާތައް ވަޒީރުންގެ މަޖިލީޔުގައި ޓޭބަލް ކޮށްދެއްވުމަށް އެދި މިހާރު ފޮނުވާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ގާނޫނީ ލަފާ ބަންޑާރަ ނައިބުގެ އަރިހުން ހޯއްދަވާފައިވާ ކަމަށްވެސް އިރުޝާދާ ވިދާޅުވި އެވެ.


އިރުޝާދާ ވިދާޅުވީ މި ހަފުތާގެ ތެރޭގައި އެ މަޝްވަރާތައް ޓޭބަލް ކުރެވި ވަޒީރުން މަޖިލީހުން ގޮތެއް ނިމެނޭ ކަމަށާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ލިބެންޖެހޭ ރުހުން ލިބުމުން ބައިނަލްއަގުވާމީ އެ ކޯޓުގައި ބައިވެރިވެވޭނެ ކަމަށެވެ.


"ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ބައިވެރިވޭނެ،" އިރުޝާދާ ވިދާޅުވި އެވެ.


އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެންބަރުންގެ ގޮތުގައި 111 ގައުމު މިހާރު ހިމެނެ އެވެ. މެންބަރު ގައުމުތަކުން ހުށަހަޅާ ލާއިންސާނީ އަމަލުތަކާއި ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް އެކޯޓުން ބަލައިގަނެ ހިންގާނެވެ.