އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބުގެ މަގާމު އުވާލުމަށް ޕާޓީގެ އަސާސީ ގަވާއިދު އިސްލާހްކުރުމަށް ނިންމައިފި އެވެ.


އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ ނިޒާމަށް ފެތޭ ގޮތަށް އެޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހްތަކެއް ޕާޓީގެ އޮނިގަނޑަށް ގެނައުމަށް އެޕާޓީން ނިންމާފައިވާ ކަމަށާއި އެޕާޓީން އެގޮތަށް ނިންމީ އިއްޔެ ބަނޑޮހުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ކޮންގްރެސް، ޕާޓީގެ އަހަރީ ދުވަސް ކަމަށްވާ މި އަހަރުގެ ޖޫން 26 ގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އަދި އަންނަ ރިޔާސީ އިންތިހާބްގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ވެސް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކަށް ފަހު ކަމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.


ހަމަ އެއާއެކު އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ ގޮތުން އަސާސީ ގަވާއިދަށް މުހިންމު އިސްލާހްތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަންގެ ދަށުން މަސައްކަތްކުރާނެ ދެ ނައިބުން އިންތިހާބްކުރާ ގޮތަށް ހަމަޖައްސައި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސަށް ސިޔާސީ އިސް ދައުރެއް ދޭ ގޮތަށް ވެސް ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.