ކޯރަމް ނުލިބުމާއި ނިޒާމީ ނުކުތާއާ ހަޅޭއްލެވުންތަކާ އެކު މިހަފްތާގެ މަޖިލިހުގެ ދެ ދުވަހުގެ މަސައްކަތް ނުކުރެވި ދިޔައިރު މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނިންމާލައިފި އެވެ.

މަޖިލީހުގެ ތަޅަމުގައި އުފެއްދުންތެރި އެއްވެސް މަސައްކަތެއް ނުކުރެވި މިހަފްތާ އެއްކޮށް މަޖިލިހުގެ މެންބަރުން ނިޒާމީ މައްސަލަތަކުން ޖަލްސާތައް މެދުކެނޑި ޒުވާބުކުރުމާއި ކޯރަމްގެ މައްސަލަ ދިމާވެ މުޅި މަޖިލިހުގެ މަސައްކަތް ވަނީ ހުއޓިފަ އެވެ. މިއަދުގެ މަޖިލިހުގެ ޖަލްސާ ވެސް އެންމެ ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމާލި ކަމަށް ރިޔާސަތުން ރައީސް އަބުދުﷲ ޝާހިދު އިއުލާނުކުރެއްވި އެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން ޝާހިދު ވިދާޅުވީ މަޖިލިހުގެ ޖަލްސާ ކޯރަމް ނުލިބި ހުއްޓާލަން ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސުލޫކީ ގަވާއިދަށް އަހަވަހަށް ގޮތެއް މަޖިލިހުން ނިންމަވައި ދެއްވުމަށް ޖެހިވަޑައިގެންނަވާ ކަމަށާއި އަދި މިއަދު އެ މައްސަލާގައި ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ އެކު މަޝްވަރާކުރައްވާނެ ކަމަށެވެ.

"ސުލޫކާ ބެހޭ ގަވާއިދަށް އެބެ ޖެހޭ މަޖިލިހުން ގޮތެއް ނިންމަވައިދެއްވުމަށް މިކަންތައްތަކަށް އަމަލުކުރުމަށް ޓަކައި އަޅުގަނޑު މިއަދު ވެސް ގަސްތުކުރަން ސިޔާސީ ޕަޓީތަކުގެ އިސް ލީޑަރުންނާ މަޝްވަރާކުރުމަށް ގެންދިއުމަށް. މިކަމުގައި ހައްލެއް ހޯއްދަވައި ދެއްވުމަށް ހުރިހާ މެންބަރުންގެ އަރިހުން އިހުތިރާމާ އެކު އެދެމުން މިއަދުގެ ޖަލްސާ މަޖިލިހުގެ ގަވާއިދުގައި ބުނާ ގޮތުގެ މަތިން ނިންމާލަން،" ޖަލްސާ ނިންމަވާލައްވަމުން ޝާހިދު ވިދާޅުވި އެެވެ.

އިއްޔެގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންވުނީ ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭ ގޮތުން، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވި ހިޔާލު ތަފާތުވުން ބޮޑުވުމުގެ ސަބަބުންނެވެ. ހޯމަ ދުވަހު ވެސް ވަނީ މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހިފަ އެވެ.

މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު ނަމަވެސް އަދި މަޖިލީހަށް އެއްވެސް އުޒުރަކާއި ނުލައި މެންބަރުން ހާޒިރުނުވި ނަމަވެސް އެ މެންބަރުންގެ މުސާރަ އާއި އިނާޔަތުން އެއްވެސް ފައިސާއެއް ކެނޑޭނެ އެއްވެސް ގޮތެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ "އިއްޒަތްތެރި" ކޮންމެ މެންބަރަކު މަޖިލިހުގެ ޖަލްސާ އަށް ހާޒިރު ނުވިއަސް އެ ބޭފުޅުންނަށް ކޮންމެ މަހަކު 62،500ރ.ގެ މުސާރަ އާއި އަދި 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސެއް ލިބެ އެވެ.