ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީ އިން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ މެންދުރު ފަހުން ފެއްްޓި މުޒާހަރާ ރޭ ހޫނުވެ ފުލުހުނާއި އާންމުނާ ދޭތެރޭ ކުރިމަތިލުންތަކެއް ހިނގުމަށް ފަހު އިރުއަރަންދެން ދިގު ދެމިގެން ހިނގައްޖެ އެވެ.

އިއްޔެ ގާތްގަނޑަކަށް 2:30 އެހާކަންހާއިރު ޗާންދަނީމަގާއި އޯކިޑްމަގު ގުޅުނު ހިސާބު ރީފް ސައިޑް ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާގައި ފެށި ވަގުތު ބައި މަދުކޮށް ފެނުނު ނަމަވެސް ރޭ 9:00 ޖަހާ އެހާކަންހާއިރު ވީ އިރު އެހިސާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމާ ގުޅިގެން މުޒާހަރާ އަށް މީހުން ގިނަވެ ފޯރިވަނީ އިތުރުވެފަ އެވެ.

ރޭގެ މުޒާހަރާގައި އާންމުގެ މީހަކަށް ވެސް ފުލުހުންގެ މީހަކަށް ވެސް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރުމުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި ހޫނު ކުރިމަތިލުންތަކެއް ވަނީ ހިނގާފައިވެ އެވެ. އަދި އެ ކުރިމަތިލުންތަކުގައި ފުލުހުނާ މުހާތަބްކޮށް އެ ތަނުގައި ތިބި ބައެއް އާންމުން ވަނީ ހުތުރުބަހުން ވާހަކަ ދައްކައި ހަދައި އަދި އެއްޗެތި ވެސް އުކައި ހަދައިފަ އެވެ. އަދި ފުލުހުން ރޭ ގެ މުޒާހަރާގެ ތެރެ އަށް ޕެޕާ ސްޕުރޭ ވެސް ވަނީ ޖަހައިފަ އެވެ.

އެމްޑީޕީ އިން ރޭ ދަންވަރު މުޒާހަރާ ކުރަމުންދިޔަ އިރު އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ވާހަކަ ނުދެއްކުމަށާއި ބެރިކޭޓްތަކުގެ ކުރިއަށް ނޭރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އަންގައި އިންޒާރުދީފަ އެވެ. ނަމަވެސް މުޒާހަރާކުރަމުން ދިޔަ ފަރާތްތަކުން ދޭތެރެ ދޭތެރެއިން ވަނީ ބެރިކޭޓްތައް ވައްޓާލައި ފައިން ޖަހައި ދުރުކޮށް ހަދައިފަ އެވެ.

ފުލުހުން ފުރަތަމަ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތްކޮށްފައި ވަނީ ރޭ 3:10 އެހާކަންހާ އިރު އެވެ. އެވަތު ވެސް ފުލުހުނާއި އާންމުނާ ދޭތެރޭ ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ. އަދި ގާތްގަނގަޑަކަށް ފަތިހު 4:45 އެހާކަން ދެވަނަ ފަހަރަށް ފުލުހުން ބާރުގެ ބޭނުންކޮށް ވަނީ އެއް ބަޔަކު ބަންޑާރަ މިސްކިތާ ހަމައަށް އަދި އަނެއްބަޔަކު ނާސްތާ ހޮޓާ ގޯޅިއާ ހަމައަށް ފަހަތަށްޖައްސައިފަ އެވެ. ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ފަސް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ އޭގެތެރެއިން އެކަކެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަމުން ދިޔަ ވަގުތު ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެ ދެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު ފުރަތަމަ ފެނުނީ ފުލުހުންގެ ހުއްދަޔާ އެކު އެ ދެ ބޭފުޅުން އިސްލާމީ މަރުކަޒްގެ ތެރެއަށް ވަން މަންޖަރެވެ. އޭގެ ކުޑައިރުކޮޅަކަށް ފަހު ފެނުނީ ދެން އެ ދެ ބޭފުޅުން ވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު މަންޒަރެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

އިއްޔެ މެންދުރުން ފެށިގެން އެމްޑީޕީން ކުރިއަށްގެން ދިޔަ އެ މުޒާހަރާ ހެނދުނު 7:15 އެހާކަންހާއިރު މެދުކަނޑާލުމަށް ފަހު ެެއަދި ވެސް ކޯޅިކޯޅިއަށް އެބަ ކުރިއަށް ދެ އެވެ. އެމްޑީޕީން ބުނަނީ މިހާރުގެ ސަރުކާރު ބަދަލު ނުވަނީސް މުޒާހަރާކުރުން ހުއްޓާނުލާނެ ކަމަށެވެ.