މެލޭޝިޔާގެ ނެކްސްބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މަސައްކަތް މަޑުޖައްސާލަން ހޯމް މިނިސްޓްރީން އިމިގްރޭޝަން ޑިޕާޓްމެންޓަށް އަންގައިފި އެވެ.

ހޯމް މިނިސްޓްރީން އެ ޕްރޮޖެކްޓް ހުއްޓާލަން މިއަދު އަންގާފައިވާއިރު އެ ޕްރޮޖެކްޓްގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފައި ކަމަށް އިމިގުރޭޝަނުން ބުނެ އެވެ. ހޯމް މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ އެ ޕްރޮޖެކްޓް މަޑުޖައްސާލަން އަންގާފަ އެވެ.

ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލް އަހުމަދު މިރޭ ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް މަޑުޖައްސާލަން އިމިގުރޭޝަނަށް މިއަދު ސިޓީއަކުން އެންގީ އޭސީސީ އާއި އަދި ބަންޑާރަ ނައިބުގެ ކަންބޮޑުވުންތަކެއް އެ ޕްރޮޖެކްޓާ މެދު ހުރުމުން ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށްގެން ނޫނީ ޕްރޮޖެކްޓް ކުރިއަށް ނުގެންދިޔުމަށް އެދިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުމަކީ މިނިވަން މުއައްސަސާތަކުން އަންގާ އެންގުންތަކަށް ތަބާވާންޖެހޭނޭ، އަދި އެފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަންވާނީ ދައުލަތަށް ވެސް ގެއްލުން ނުވާ ގޮތަށް، އޭސީސީން ވެސް އަދި ބަންޑާރަ ނައިބު ވެސް ކަންބޮޑުންތަކެއް ހުރިއިރު އެކަންތައްތައް ހައްލުކޮށްގެންނޭ ކުރިއަށް ގެންދަން ޖެހޭނީ، އަޅުގަނޑަށް ވެސް ސުވާލު އުފެދޭ އެހެން އެކަން އޮތް އިރު އިމިގްރޭޝަނުން މިކަން ކުރިއަށް ގެންދާ ގޮތަކާ މެދު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުއްޓުވަން ކަމަށާއި އެކަމަށް މި ސަރުކާރުން ތަރުހީބު ނުދޭނޭ ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގެވީ ވެސް އެގޮތުގެ މަތިން ކަމަށެވެ.

"މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަކަށް އެއްވެސް ކަމަކަށް ތަރުހީބެއް އަދި މަގުފަހި ނުކޮށްދޭނެ، މި ސަރުކާރުން އެގޮތައް ކަންތައްތައް ވެސް ކުރަމުން ފިޔަވަޅުތައް ވެސް އަޅަމުން ގެންދާނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލްގެ މަސައްކަތް އަލުން ފެށީ ހައިކޯޓުން އެ ޕްރޮޖެކްޓް ހުއްޓާލުމަށް ނެރުނު ވަގުތީ އަމުރު ސްޕްރީމް ކޯޓުގެ މެންޑަމާސް އަމުރަކުން ބާތިލް ވުމާއެކު އެވެ. އިމިގުރޭޝަން ޑިޕާޓްމަންޓުން ބުނީ އެ ސިސްޓަމް ވަރަށް އަވަހަށް ބޭނުން ކުރަންވެސް ފަށާނެ ކަމަށެވެ.

އެ ޕްރޮޖެކްޓް ހުއްޓުވުމަށް އޭސީސީ ވަނީ އެ މައްސަލަ ހައިކޯޓަ ށްވެސް ވައްދައިފަ އެވެ.

މެލޭޝިޔާގެ ނެކްސް ބިޒާ އެކު އިމިރޭޝަނުން އެއްބަސްވެފައިވާ ބޯޑާ ކޮންޓްރޯލްގެ އެގްރީމަންޓްގެ ދަށުން 22 އަހަރުވަންދެން ރާއްޖެ އިން ފުރާ އަދި އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނެކްސް ބިޒަށް ނެގުމުގެ ބާރު ލިބިދެ އެވެ. އަދި އަލަށް ހައްދާ ކޮންމެ ވީސާ ހުއްދައަކުން އަދި އާ ކުރާ ކޮންމެ ހުއްދައަކުން 15 ޑޮލަރު ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.