03 Jan 2025, 19:47
މިހާރު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުންނާއި ފެންބޮޑުވެގެން ޖުމްލަ ހަތް ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
މީގެ ތެރެއިން އުދަ އަރައިގެން ރިޕޯޓުކޮށްފައިވަނީ ރ. އިނގުރައިދޫގެ އިތުރުން ށ. ނަރުދޫއިންނެވެ.
މީގެ އިތުރުން ފަސް ރަށެއްގައި ފެންބޮޑުވެގެން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފ. ނިލަންދޫގައި ފެންބޮޑުވެފައި--
އޭގެ ތެރެއިން ފ. ނިލަންދޫގެ 80 ޕަސަންޓު ފެނު އަޑީގައި އޮތް ކަމަށް އެ ރަށު ކައުންސިލާ ހަވާލާދީ އެންއެންޑީއެމްއޭއިންވަނީ ބުނެފައެވެ. އަދި ދ. ކުޑަހުވަދޫގެ 10ވަރަކަށް ގެއަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާއިރު، ދ. މީދޫގައި ވެސް 10 ގެއަކަށް ވަނީ ފެންވަދެފައެވެ.
ފ. މަގޫދޫގައި ވެސް ފެންބޮޑުވި ކަމަށް ރިޕޯޓުކޮށްފައިވާއިރު، އދ. މާމިގިލީގައި ހަތަރު ގެއަކަށް ފެނުގެ އަސަރުކޮށް، ދެ ގެއަކަށް ސީރިއަސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މީގެ އިތުރުން ކ. ގުރައިދޫގައި ނަރުދަމާ ލީކޭޖެއްގެ ސަބަބުން 60 ގެއަކަށް އޭގެ އަސަރުކޮށްފައިވާއިރު، ފ. ފީއަލީގައި ފެނުގެ އަސަރުކޮށްގެން އެއް ގެއެއް ރީލޮކޭޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މި ރަށްތަކުގައި އެމްއެންޑީއެފުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ރަށްތަކުގެ އިތުރުން މި ވިއްސާރައިގައި މުޅި މާލޭގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންދަނީ ލިބެމުންނެވެ. ގެއްލުންތައް ކުޑަކުރުމަށް ޓަކައި އެމްއެންޑީއެފްގެ އިތުރުން، މާލެ ސިޓީ ކައުންސިލުން އަންނަނީ ފެންބޮޑުވާ ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މޫސުން ގޯސްވެ، ބ. އަތޮޅުން ތ. އަތޮޅަށް ނެރުނު އޮރެންޖު އެލާޓު ވެސް ވަނީ މިރޭގެ 11ގެ ނިޔަލަށް ދިގުދަންމާލައިފައެވެ.