03 Jan 2025, 15:25
އެހެން ފަހަރުތަކަށް ވުރެ ލަހުން އިއްޔެ ދިވެހިރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެއެވެ.
އެހެން އަހަރުތަކުގައި ޑިސެމްބަރު މަސް ނިމުމުގެ ކުރިން އިރުވައި މޫސުން ފެށެއެވެ. މިދިޔަ އަހަރު ވެސް ޑިސެމްބަރު މަހުގެ ފަހުކޮޅު އިރުވައި މޫސުން ފެށިއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނީ، ރާއްޖެއަށް ރަސްމީކޮށް އިރުވައި މޫސުން ފެށުނީ އިއްޔެ ކަމަށެވެ. މި ފަހަރު އިރުވައި މޫސުން ފެށުނީ އާންމުކޮށް ފެށޭ ދުވަސްވަރަށްވުރެ ލަހުންކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
އިރުވައި މޫސުން ފެށިއްޖެ ކަމަށް ނިންމަނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައި ގަދަވެ، ދެ ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިއުމުންނެވެ.
އިރުވައި މޫސުން އާންމު ގޮތެއްގައި މާޗު މަހުގެ ނިޔަލަށް ދެމިގެންދެއެވެ. އަދި، ހުޅަނގު މޫސުން އާންމު ގޮތެއްގައި މޭ މަހު ފެށޭއިރު، ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދެއެވެ.
އިރުވައި މޫސުން ފެށުނުއިރު މިހާރު މުޅި ރާއްޖެއަށް ވެސް އަންނަނީ މޫސުން ގޯސްވެ، ވިއްސާރަކުރަމުންނެވެ. ރޭ ބައެއް ރަށްރަށަށް އުދަ ވެސް އަރާފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އާންމުކޮށް ވެސް ދެ މޫސުން ބެދޭ ދުވަސްވަރު ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރު ވިއްސާރަކުރެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 7:00 އާ ހަމައަށް ބޮޑު ބަޔަކަށް އޮރެންޖު ސަމާލު ވެސް ވަނީ ނެރެފައެވެ.
މި ދުވަސްވަރު ބޯކޮށް ވާރޭވެހޭއިރު، މިއީ އާ އަހަރުގެ ޗުއްޓީއަށް ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ވެސް ދަތުރުކުރާ ދުވަސްވަރެކެވެ. މި ފެށޭ އާދިއްތަ ދުވަހު، ސްކޫލުތައް އަލުން ހުޅުވާއިރު، މި ހަފުތާ ބަންދަކީ ގިނަ އަދަދެއްގެ ބަޔަކު އެނބުރި މާލެ އަންނާނެ ދުވަސްތަކެކެވެ.