10 Jul 2012, 21:04
އިސްތަންބޫލް (ޖުލައި 10): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލުން ނޫންގޮތެއް ޤަބޫލުނުކުރާނެ ކަމަށް އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން ބުނެފި އެވެ.
"ސީރިޔަން ފްރީ އާމީ" އަށް ނިސްބަތްވާ އިދިކޮޅު ލީޑަރެއް ކަމަށްވާ މުޙައްމަދު ޢުޘްމާން ވިދާޅުވީ އަސަދްގެ ޚުދުމުޚްތާރު ނިޒާމް މާޒީވެގެން ގޮސްފިކަމަށާއި ބައްޝާރުގެ ވެރިކަމަށް އެއްވެސް މުސްތަޤްބަލެއް ނެތްކަމުގަ އެވެ. ބައްޝާރާ އެކު ދައްކާނީ އެންމެ ވާހަކައެއް ކަމަށާ އެއީ އޭނާ ވެރިކަމުން ފާބައި ޤައުމު ދޫކޮށްދިޔުމުގެ ވާހަކަ ކަމަށާ އެނޫން އެއްވެސް ވާހަކައެއް ބައްޝާރުގެ ނިޒާމާއެކު ނުދައްކާނެ ކަމަށް ޢުޘްމާން ވިދާޅުވި އެވެ.
ވެރިކަން ދޫކޮށްލައްވައިފި ނަމަ ސުލްޙަވެރިކަމާ އެކު ޤައުމުން ބޭރުވެވަޑައިގަތުމުގެ ފުރްސަތު ބައްޝާރަށް ދޭފަދަ ގޮތަކަށް ޢުޘްމާން ވާހަކަ ދެއްކެވި ނަމަވެސް ސޫރިޔާގެ އިދިކޮޅު އެހެންލީޑަރުން ވަނީ ޤައުމުން ފިއްލެވުމުގެ ފުރްސަތު ބައްޝާރަށް ނުދޭނެކަމާއި އޭނާއަށް އޮތީ ރައްޔިތުންގެ ޝަރީޢަތާ ކުރިމަތިލުން ކަމުގެ އިންޒާރު ދެއްވާފަ އެވެ. ބައްޝާރާ ދެކޮޅަށް ސުލްޙަވެރިކަމާ އެކު މުޒާހަރާކޮށް އިޙްތިޖާޖްކުރި ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް 10 ހާހަށްވުރެ ގިނަ ސޫރިޔާގެ ރައްޔިތުން މެރިކަމުގެ ތުހުމަތު ބައްޝާރާއި އޭނާގެ ނިޒާމުގެ ބޮލުގައި އެޅިފައިވެ އެވެ.
ހުޅަނގުގެ ބާރުތަކުގެ ތާއީދާއި މަދަދުލިބޭ ސޫރިޔާގެ ހަނގުރާމަވެރިންނަށް ސޫރިޔާގެ އެތެރޭން މާބޮޑުކުރިއެރުންތަކެއް ލިބިފައިނުވިނަމަވެސް އެމީހުންގެ ޙަމަލާތައް ސޫރިޔާ ސިފައިންނަށް ސީދާގޮތެއްގައި އަމާޒުވަމުން ދިޔުމުގެ ސަބަބުން ސޫރިޔާ ސިފައިންނަށްވެސް މިހާރު ގެއްލުންތައް ލިބެމުން ދެއެވެ. ބައްޝާރުގެ ނިޒާމް ކައިރިމުސްތަޤްބަލެއްގައި ވެއްޓޭނެ ކަމަށް ތަޖްރިބާކާރުން ލަފާނުކުރި ނަމަވެސް ކުރިޔަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބައްޝާރުގެ ވެރިކަން ވައްޓާލާނެކަމަށް ޢުޘްމާން ވިދާޅުވިއެވެ.
ސޫރިޔާގެ މަސްރަޙް ދިރާސާކުރާ ފަރާތްތައް ބުނާގޮތުން ބައްޝާރުގެ ނިޒާމް ޙިމާޔަތްކުރުމުގައި ސޫރިޔާ ސިފައިންނަށްވުރެ ކުރީގައި އުޅޭނީ އޭނާއަށް ވަފާތެރި ހަނގުރާމަވެރި މިލީޝިޔާތަކެވެ. ސޫރިޔާގެ ބޮޑެތި ސިޓީތަކުގައި އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލަނީ ވަފާތެރި ހަނގުރާމަވެރި މިލީޝިޔާތައް ކަމަށާ މިމިލީޝިޔާތައް ޙަރަކާތްތެރިވަނީ ވަރަށް ސިއްރުންކަމަށް މިފަރާތްތަކުން ބުނެއެވެ. މިފަދަ މިލީޝިޔާތަކަކީ ކޮންމެފަދަ އަނިޔާއެއްކުރަންވެސް ޖެހިލުންނުވާ ހަރުކަށި ބައެއް ކަމަށާއި މިމިލީޝިޔާތަކަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީ ސޫރިޔާގެ ބާރުގަދަ ޖުމްހޫރީ ލަޝްކަރުތަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައްޝާރަށް ވަފާތެރި އެންމެ ނުރައްކާތެރި މިލީޝިޔާއަކީ ޝައްބީޙާ މިލީޝިޔާއެވެ. މިއީ ވަރަށް ޖެހިލުންކުޑަ އަނިޔާވެރި އަދި ގޭންގް ސްޓައިލަށް ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށް ޚަބަރުލިބެއެވެ. (ނޫސްއެޖެންސީތައް)