އިސްތަންބޫލް (ޖުލައި 10) : ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުން ނޫން ގޮތެއް ޤަބޫލު ނުކުރާނެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެފި އެވެ.

"ސީރިޔަން ފްރީ އާމީ" އަށް ނިސްބަތްވާ އިދިކޮޅު ލީޑަރެއް ކަމަށްވާ މުޙައްމަދު ޢުސްމާން ވިދާޅުވީ އަސަދްގެ ޚުދުމުޚްތާރު ނިޒާމް މާޒީވެއްޖެ ކަމަށާ އަސަދުގެ ވެރިކަމަށް އެއްވެސް މުސްތަޤްބަލެއް ނެތްކަމަށެވެ. ބައްޝާރާއެކު ދައްކާނީ އެންމެ ވާހަކައެއް ކަމަށާ އެއީ ވެރިކަމުން ފާބައިވަޑައިގެން ޤައުމު ދޫކޮށް ވަޑައިގަތުމުގެ ވާހަކަ ކަމަށާ އެނޫން އެއްވެސް ވާހަކައެއް ބައްޝާރުގެ ނިޒާމާއެކު ނުދައްކާނެކަމަށް ޢުސްމާން ވިދާޅުވި އެވެ.

ވެރިކަން ދޫކޮށްލައްވައިފިނަމަ ސުލްޙަވެރިކަމާއެކު ޤައުމުން ބޭރުވެވަޑައިގަތުމުގެ ފުރުސަތު ބައްޝާރަށް ދޭފަދަ ގޮތަކަށް ޢުސްމާން ވާހަކަ ދެއްކެވި ނަމަވެސް ސޫރިޔާގެ އިދިކޮޅު އެހެން ލީޑަރުންވަނީ ޤައުމުން ފިއްލެވުމުގެ ފުރުސަތު ބައްޝާރަށް ނުދޭނެ ކަމާއި އޮތީ ރައްޔިތުންގެ ޝަރީޢަތާ ކުރިމަތިލެއްވުން ކަމުގެ އިންޒާރު ދެއްވާފައެވެ. ބައްޝާރާ ދެކޮޅަށް ސުލްޙަވެރިކަމާއެކު މުޒާހަރާކޮށް އިޙްތިޖާޖްކުރި ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ދިހަ ހާހަށްވުރެގިނަ ސޫރިޔާގެ ރައްޔިތުން މެރިކަމުގެ ތުހުމަތު ބައްޝާރާއި އޭނާގެ ނިޒާމުގެ ބޮލުގައި އެޅިފައިވެ އެވެ.

ހުޅަނގުގެ ބާރުތަކުގެ ތާއީދާއި މަދަދުލ ިބޭ ސޫރިޔާގެ ހަނގުރާމަވެރިންނަށް ސޫރިޔާގެ އެތެރޭން މާބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވިނަމަވެސް އެމީހުންގެ ޙަމަލާތައް ސޫރިޔާ ސިފައިންނަށް ސީދާ ގޮތެއްގައި އަމާޒުވަމުން ދިޔުމުގެ ސަބަބުން ސޫރިޔާ ސިފައިންނަށް ވެސް މިހާރު ގެއްލުންތައް ލިބެމުން ދެއެވެ. ބައްޝާރުގެ ވެރިކަން ކައިރި ކުސްތަޤްބަލެއްގައި ވެއްޓޭނެ ކަމަށް ތަޖްރިބާކާރުން ލަފާ ނުކުރި ނަމަވެސް ކުރިޔަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބައްޝާރުގެ ވެރިކަން ވައްޓާލާނެ ކަމަށް ޢުސްމާން ވިދާޅުވި އެވެ.

ސޫރިޔާގެ މަސްރަޙް ދިރާސާކުރާ ފަރާތްތައް ބުނާގޮތުން ބައްޝާރުގެ ނިޒާމް ޙިމާޔަތްކުރުމުގައި ސޫރިޔާ ސިފައިންނަށްވުރެ ކުރީގައި އުޅޭނީ އޭނާއަށް ވަފާތެރި ހަނގުރާމަވެރި މިލީޝިޔާތަކެވެ. ސޫރިޔާގެ ބޮޑެތި ސިޓީތަކުގައި އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލަނީ ވަފާތެރި ހަނގުރާމަވެރި މިލީޝިޔާތައް ކަމަށާ މިލީޝިޔާތައް ޙަރަކާތްތެރިވަނީ ވަރަށް ސިއްރުން ކަމަށް މިފަރާތްތަކުން ބުނެއެވެ. މިފަދަ މިލީޝިޔާތަކަކީ ކޮންމެފަދަ އަނިޔާއެއްކުރަން ވެސް ޖެހިލުންނުވާ ހަރުކަށި ބައެއް ކަމަށާއި މިލީޝިޔާތަކަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީ ސޫރިޔާގެ ބާރުގަދަ ޖުމްހޫރީ ލަޝްކަރުތަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައްޝާރަށް ވަފާތެރި އެންމެ ނުރައްކާތެރި މިލީޝިޔާއަކީ ޝައްބީޙާ މިލީޝިޔާ އެވެ. މިއީ ވަރަށް ޖެހިލުންކުޑަ އަނިޔާވެރި އަދި ގޭންގް ސްޓައިލަށް ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށް ޚަބަރު ލިބެއެވެ. -- ނޫސްއެޖެންސީތައް