03 Jan 2025, 10:29
އަމިއްލައަށް މަސައްކަތްކުރަމުން އައި ބޮލީވުޑް އިންޑަސްޓްރީ މާޔޫސްކުރުވައިފި ކަމަށާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ, އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް ސައުތު ސިނަމާއާ ގުޅެން ނިންމައިފިއެވެ.
ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު ކްރައިމް ފިލްމު "ގޭންގްސް އޮފް ވަސޭޕޫރު"ގެ ޑައިރެކްޓަރު ބުނެފައިވަނީ، ހިންދީ ސިނަމާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ފިކުރު ހުރީ މުޅިން ވެސް ވިޔަފާރި އުސޫލުން ފިލްމު އުފެއްދުމަށް ކަމަށާއި އެފަދަ މާހައުލެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމުގައެވެ.
ފިލްމެއް ވުޖޫދަށް ގެނައުމުގެ ކުރިން ފިލްމު ޕްރޮޑިއުސަރުން އެންމެ ފުރަތަމަ ވެސް މަޝްވަރާ ކުރަނީ އެ ފިލްމެއް ވިޔަފާރި އުސޫލުން ވިއްކާ، އާމްދަނީ ހޯދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށް އަނޫރާގު ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

އަނޫރާގު ކަޝްޔަޕް ދަރިފުޅު އާލިޔާ ކަޝްޔަޕްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެފަދަ ކަންކަމާ ވިދިގެން ހިންދީ ސިނަމާއަށް ފިލްމު ތައްޔާރުކުރުމަކީ މިހާރު ވަރަށް ފޫހިކުރުވާ ކަމެއް ކަމަށާއި ބޭނުން ވަނީ ފިލްމުތަކުގެ އަގު ހިފަހައްޓާ ފިލްމުތަކަށް އިހުތިރާމު ކުރާ ބަޔަކާ އެކު މަސައްކަތް ކުރުމަށް ކަމަށް އަނޫރާގު ވަނީ ބުނެފައެވެ. އިންޑިއާގެ ދެކުނު އިންޑަސްޓްރީ ނުވަތަ ސައުތު ސިނަމާއަކީ އަބަދު ވެސް އާޓަށް ވަރަށް ބޮޑަށް އިހުތިރާމުކުރާ ބައެއް ކަމަށާއި ސައުތު ސިނަމާގައި އުފައްދާ ފިލްމުތަކުގެ އުފެއްދުންތެރިކަން އިތުރުވަމުން އަންނަ ކަމަށް އަނޫރާގް ބުނެފައިވެއެވެ.
ހިންދީ ސިނަމާއަށް އަލަށް ތައާރަފުވާ ޒުވާން ތަރިންނަށް ވެސް ޕްރޮޑިއުސަރުން ވިސްނައިދީފައި އޮންނަނީ ފިލްމަށް ލިބޭ ފައިދާގެ މުހިންމުކަން ކަމަށާއި ގިނަ ފަހަރަށް އެ ތަރިންގެ އެކްޓިން ހުނަރަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދޭ ކަމަށް ވެސް އަނޫރާގު ވަނީ ބުނެފައެވެ.
އެކްޓިންއާ ގުޅޭ ތަމުރީނުތަކަށް ޒުވާން ތަރިން ފޮނުވުމުގެ ބަދަލުގައި ގިނަ ފަހަރަށް ފޮނުވަނީ ކަސްރަތު ކްލާސްތަކަށް ކަމަށާއި އެފަދަ ތަރިން މަޝްހޫރުވުމުން އޭގެ ފައިދާ ވެސް އެންމެ ބޮޑަށް ނަގާ ބަޔަކީ ފިލްމު ޕްރޮޑިއުސަރުން ކަމަށް ބުނެ، އަނޫރާގް ވަނީ ހިންދީ ސިނަމާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މީގެ އިތުރުން، ބޮލީވުޑްގައި އެކީގައި މަސައްކަތްކުރި ވަރަށް ގިނަ އެކްޓަރުންނަކީ ކުރިން ގާތް ރަހުމަތްތެރިކަން ކަމަށާއި ލިބުނު މަޝްހޫރުކަމާ އެކު އެ ތަރިން ވަނީ މިހާރު ބީރަށްޓެހިންނަށްވެފައި ކަމަށް ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ސައުތު ސިނަމާއިން އެއީ ނުފެންނަ މަންޒަރެއް ކަމަށާއި އެކަމާ މެދު އުފާކުރާ ކަމަށް އަނޫރާގު ވަނީ ބުނެފައެވެ.
ފިލްމު "ޕޭސާ ވުސޫލް"، "ދޭވް ޑީ"، "އުޅްތާ ޕަންޖާބް" އަދި "ލަންޗް ބޮކްސް" ފަދަ މަގުބޫލު ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ އަނޫރާގު އެންމެ ފަހުން ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވަނީ 2023 ވަނަ އަހަރު ގެނެސްދިން ފިލްމު "އޯލްމޯސްޓް ޕިޔާރު ވިތު ޑީޖޭ މޮހައްބަތު" އަދި "ކެންނެޑީ"އެވެ.