10 Jul 2012, 19:17
މިޑް ސީޒަން ޓްރާންސްފާ ބްރޭކަށް ފަހު ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު އީގަލްސް އަތުން 1-0 ލަނޑުން މޮޅުވެ، ލީގުގައި ނިއުރޭޑިއަންޓުން ދަމަހައްޓަމުން އަންނަ ލީޑް އިތުރަށް ފުޅާ ކޮށްފި އެވެ.
އީގަލްސް ކޮޅަށް ނިއުއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ އުމަރެވެ.
މި މޮޅާއެކު ލީގުގެ އެއް ވަނައިގައި ނިއު އޮތީ 24 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި އީގަލްސް އޮތީ ލީގުގެ ތިން ވަނައިގައި 13 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނަގައި އޮތީ 18 ޕޮއިންޓާއެކު ވިކްޓަރީއެވެ. ހަތަރު ވަނަގައި 12 ޕޮއިންޓާއެކު ވީބީ އޮތް އިރު، މާޒިޔާ އޮތީ 11 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. އަދި ހަ ވަނައިގައި ނުވަ ޕޮއިންޓާއެކު ވިޔެންސާ އޮތްއިރު، ވެލެންސިޔާ އޮތީ ހަތް ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ. އަދި ލީގުގެ ފުލުގައި އޮތީ އޭވައިއެލް އެވެ. އެޓީމަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ނިއުރޭޑިއަންޓަށް ވަނީ ގޯލް ޖަހާނެ ދެތިން ފުރުސަތެއް ހޯދާފަ އެވެ. އެގޮތުން އެޓީމާ އަލަށް ގުޅުނު ބަލްގޭރިއާގެ މިޑްފީލްޑަރު އީވާން ކަރަމަނޯފް އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ދެ ވަނަ ހާފުގައި ވެސް އީގަލްސްގެ މައްޗަށް ލީޑް ފުޅާ ކުރާނެ ދެތިން ފުރުސަތެއް ނިއުއިން ތަނަވަސް ކުރި ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ނިއުގެ ފޯވާޑުންނަކަށް ނުހިފުނެވެ.
ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމް ބައްދަލުކުރި މެޗް ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
މިއަދުގެ މެޗަށް ފަހު ނިއުގެ ކޯޗް މުހައްމަދު ޝިއާޒް (މޯހަން) ބުނީ، ޓީމްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް މިއަދުގެ މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް ރަނގަޅުކޮށްލަން ޖެހޭ ކުދިކުދި ކަންތައްތައް އެބަހުރި ކަމަށެވެ.
"ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ. އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާއާމެދު ވެސް ހިތް ހަމަޖެހޭ،" މޯހަން ބުންޏެވެ.
އީގަލްސްގެ ކޯޗް އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ، ރަނގަޅު ނަތީޖާއެއް ނުނެރެވުނު ކަމުގައި ވިޔަސް، ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށެވެ. އަނިޔާގެ ސަބަބުން ޓީމްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް މިއަދުގެ މެޗްގައި ނުކުޅެވުނު އިރު، އޭނާ ނެތްތަން މިއަދުގެ މެޗުގައި ޓީމަށް ދެއްކި ކަމަށް ވެސް ސާންތީ ބުންޏެވެ. އިތުރަށް ބުނީ އީގަލްސްއާ އަލަށް ގުޅުނު ސޮބާހް މުހައްމަދު މިއަދުގެ މެޗްގައި ނުފެނުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް މެޗުގައި އޭނަގެ ބޭނުން ހިފާނެ ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ވެލެންސިއާ އާއި ވީބީ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ހަވީރު ބައްދަލުކުރާނީ ވިކްޓަރީ އާއި މާޒިޔާ އެވެ. އަދި ހަފުތާގެ ފަހު މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ވިޔަންސާ އާއި އޭވައިއެލް އެވެ.